ކާބުލް (07 އޮކްޓޯބަރު) - އަފްޣާނިސްތާނުގެ ކުންދުސް އޭ ކިޔުނު އަވަށެއްގައި ހުރި މިސްކިތެއްގައި މިއަދުގެ ހުކުރު ނަމާދު ކުރިއަށް ދިޔަ ވަގުތު ޖާނުން ފިދާވުމުގެ ހަމަލާއެއް ދީފި އެވެ.

ހައްދު ފަހަނައަޅާފައިވާ ޖަމާއަތެއް ކަމަށްވާ އައިސިސްއިން މި ހަމަލާގެ ޒިންމާ ނަގާފައިވާއިރު މި ހަމަލާ އަމާޒު ކޮށްފައިވަނީ އެ ވަގުތު އެ މިސްކިތުގައި އަޅުކަން ކުރަމުން ދިޔަ ޝީއީ މަޒްހަބުގެ މުސްލިމުންތަކަކަށެވެ.

ތާލިބާނުންގެ ތަރުޖަމާނަކު މި ނުރައްކާތެރި ހަމަލާ ދިންކަން ޔަގީން ކޮށްދެމުން ބުނެފައިވަނީ ހަމަލާގައި މަދުވެގެން 46 މީހަކު މަރުވެ 146 މީހަކަށް އަނިޔާވެފައިވާ ކަމަށެވެ.

"މިއަދުގެ ހުކުރު ވަގުތު އަހަރުމެންގެ ޝީއީ އަޚުންގެ މިސްކިތަކަށް ނުރައްކާތެރި ހަމަލާއެއް ދީ ގިނަ އަޚުންތަކެއް ވަނީ ޝަހީދު ކޮށްލާފައި،" ތާލިބާނުންގެ ތަރުޖަމާނު ޒަބީއުއްލާ މުޖާހިދު ބުންޏެވެ.

މިއީ މިދިޔަ އޮގަސްޓް މަހު އަފްޣާނިސްތާނުން އެމެރިކާ ސިފައިން ފޭބި ފަހުން އެގައުމުގައި ދިން މިފަދަ އެންމެ ނުރައްކާތެރި ހަމަލާ އެވެ. ތާލިބާނުން ވެރިކަމަށް އައި ފަހުން އަފްޣާނިސްތާނުގެ އެކި ސަރަހައްދު ތަކުގައި އައިސީސްގެ ހަރަކާތްތައް ވަނީ އިތުރުކޮށްފަ އެވެ.

މި ހަމަލާތައް ތާލިބާނުންގެ އޮފިސަރުންނާއި އާއްމު ރައްޔިތުންނަށް ވެސް އަމާޒު ކުރަމުން ދާއިރު މިފަދަ ހަމަލާ ތަކުގައި ގިނަ ބަޔަކަށް ވަނީ އަނިޔާ ވެސް ވެފަ އެވެ. – އަލް އަރަބިއްޔާ