އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން ދައުވާ ކުރަން ފޮނުވާފައިވާ މައްސަލައިގައި ވަޒީފާގެ މަސްއޫލިއްޔަތު ތަކުން ދުރުކޮށްފައި ހުރި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފުގެ ސަސްޕެންޝަން އުވާލައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ސޯލިހު މިނިސްޓަރު މަހްލޫފުގެ ސަސްޕެންޝަން އުވާލާފައިވަނީ އެ މައްސަލާގައި ހަތަރު މަސް ވެގެންދިޔައިރު ވެސް ޕީޖީން ދައުވާކުރުމާ މެދު ގޮތެއް ނިންމާފައިނުވާތީ އެވެ.

މިނިސްޓަރު މަހްލޫފް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގައި ހިފިކަން އޭސީސީގެ ތަހުގީގަށް ސާބިތުވެ، އޭނާގެ މައްޗަށް ދައުވާކޮށްދިނުމަށް ޕީޖީ އޮފީހަށް ފޮނުވުމާއެކު އެކަމުގައި ޕީޖީ އޮފީހުން ވަކި ގޮތެއް އަންގަންދެން މިނިސްޓަރު މަހްލޫފް ވަޒީފާގެ މައްސޫލިއްޔަތުތަކުން ދުރުކޮށްފައިވާ ކަން މިނިސްޓަރަށް އެންގީ މިދިޔަ ޖޫން މަހުގެ ނުވަ ވަނަ ދުވަހު އެވެ.

އެ މައްސަލަ ދިގުލައިގެން ގޮސް، ގޮތެއް ނިންމުން ލަސްވެގެން ދާތީ، މަހްލޫފު ވަނީ މައްސަލަ އަވަހަށް ނިންމަވައިދެއްވުމަށް އެދިވަޑައިގެންގެންފަ އެވެ. ނަމަވެސް ޕީޖީން ބުނި ގޮތުގައި މަހުލޫފަށް ދައުވާ ކުރާނީ ޕީޖީން މައްސަލަ ރަނގަޅަށް ދިރާސާ ކުރުމަށްފަހު އެވެ.

މިނިސްޓަރު މަހްލޫފުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އޭސީސީން ދެފަހަރެއްގެ މަތިން ޕީޖީ އޮފީހުގައި ވަނީ އެދިފަ އެވެ. ނަމަވެސް އިދާރީ ބައެއް ކަންކަން ފުރިހަމަ ކުރަން ހުރުމުން ޕީޖީ އޮފީހުން ވަނީ އެކަންކަން ރަނގަޅު ކުރުމަށް އޭސީސީގައި ދެ ފަހަރު ވެސް އެދިފަ އެވެ.

ޕީޖީ އޮފީހުން އެދިފައިވާ ކަންކަން ފުރިހަމަ ކުރުމަށް ފަހު އޭސީސީއިން ވަނީ އަލުން މިނިސްޓަރު މަހްލޫފުގެ މައްސަލަ ޕީޖީ އޮފީހަށް ފޮނުއްވާފަ އެވެ. އެގޮތުން އޭސީސީއިން އެމައްސަލަ އަލުން ފުރިހަމަ ކޮށްފައި ފޮނުއްވީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ.

މަހްލޫފުގެ މައްޗަށް ދައުވާ ކުރުމަށް ފޮނުއްވި ފަހު އެއް މަސް ވެގެންދާއިރުވެސް ޕީޖީ އިން އެމައްސަލާގައި ގޮތެއް ނިންމާފައިނުވާތީ ޕީޖީއަށް ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. އަދި ވަކި މައްސަލައެއްގައި ތަފާތު ކުރުންތައް ގެންގުޅެމުންދާ ކަމަށްވެސް ޕީޖީ ސަމީމް އަށް އަންނަނީ ތުހުމަތު ކުރަމުންނެވެ.

މަހުލޫފުގެ މައްޗަށް ދައުވާކޮށްދިނުމަށް އޭސީސީން ޕީޖީ އޮފީހަށް މައްސަލަ ފޮނުވުމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ އޭނާ މަގާމުގެ މަސްއޫލިއްޔަތުން އެއްފަރާތް ކުރައްވާފަ އެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ކުރިން ވެސް މިނިސްޓަރު މަހްލޫފް ވަނީ މަގާމުގެ މަސްއޫލިއްޔަތުން އެއްފަރާތް ކުރައްވާފަ އެވެ.

މަހްލޫފްގެ މައްޗަށް ދައުވާކުރަން މިމަހުގެ ނުވަވަނަ ދުވަހު ފޮނުވާފައި ވަނީ އެމްއެމްޕީއާރްސީގެ ބޮޑު ކޮރަޕްޝަންގެ މައްސަލައިގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަނާއި، ހިޔާނާތާއި، މަނީ ލޯންޑްރިންގެ މައްސަލަތައް ބެލުމަށް ފުލުހުންނާއި، އެސެޓް ރިކަވަރީ ކޮމިޝަނާއި އަދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ކުރިއަށް ގެންދިޔަ ޖޮއިންޓް އިންވެސްޓިގޭޝަންގެ ތަހުގީގުގެ ތެރޭގައި، ކުށްކޮށްގެން ހޯދާފައިވާ ފައިސާ މަހްލޫފަށް ލިބިފައިވާ ކަމަށް ތުހުމަތު ކުރެވިގެން އެ މައްސަލަ ތަހުގީގުކުރުމަށް ފަހު އެވެ.

މަހުލޫފުގެ މައްސަލަ ބަލަމުންދާއިރު، އޭނާ ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސާ ޝިއުނާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. މިގޮތުން، އޭނާއަކީ ޝިއުނާ ކުޅެން ގެންގުޅޭ ބޯޅައެއް ނޫން ކަމަށް ވެސް މިނިސްޓަރު މީގެ ކުރިން ވިދާޅުވެފައިވެ އެވެ. މި މައްސަލާގައި އޭނާގެ މައްޗަށް ދައުވާ ކުރުމަށް ހެއްކެއް ނުހުންނާނެ ކަމަށް ވެސް މަހްލޫފު ވަނީ ވިދާޅުވެފަ އެވެ.

މި މައްސަލާގައި ރައީސް އޮފީހުން ފަހު ބުނެފައިވަނީ ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފްގެ މައްޗަށް ތުހުމަތު ކުރެވޭ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގެ ތަހުގީގު އެސެޓް ރިކަވަރީ ކޮމިޝަނުން ހިންގާފައި ވަނީ ގޯސްކޮށް ކަމަށެވެ. އަދި އެސެޓް ރިކަވަރީ ކޮމިޝަނުން އެކަން އަންގާފައިވާނެ ކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.