ކުރީގެ ރައީސް އަބްދުﷲ ޔާމީން ގައުމީ ޓީމަށް ހިތްވަރު ދެއްވުމަކީ ޓީމަށް ލިބިގެންދާ އިތުރު ޖޯޝެއް ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މަހްލޫފު މިހެން ވިދާޅުވީ ކުރީގެ ރައީސް ޔާމީން ގައުމީ ޓީމުގެ ކުޅުންތެރިންނަށް ހިތްވަރު ދެއްވި ވީޑިއޯއާ ގުޅިގެން ކުރެއްވި ޓުވީޓެއްގަ އެވެ.

މަހްލޫފު އިތުރަށް ވިދާޅުވީ ކުޅިވަރަކީ ސިޔާސީ ފިކުރު ނައްތާލާ ކަމެއް ކަމަށެވެ.

"ކުޅިވަރަކީ ސިޔާސީ ފިކުރު ނައްތާލާ ކަމެއް. ރައީސް ޔާމީންވެސް ހިތްވަރު ދެއްވުމަކީ ޓީމަށް ލިބޭނެ އިތުރު ޖޯޝެއް. ޝުކުރިއްޔާ،" މަހުލޫފް ވިދާޅުވި އެވެ.

ޓީމުގެ ކުޅުންތެރިން ދަތުރުކުރި ވަގުތާއި ދިމާކޮށް ރައީސް ޔާމީން ވަނީ ގެކޮޅުގައި ހުންނަވައިގެން ކުޅުންތެރިންނަށް އަތްޕުޅުން އިޝާރާތްކުރައްވައި ސަލާމް ކުރައްވައި ހިތްވަރު ދެއްވާފަ އެވެ. އޭރު އެމަނިކުފާނު ހުންނެވީ ގައުމީ ޖާޒީއެއްގަ އެވެ.

ބަހުގައި ތިބި ދިވެހި ކުޅުންތެރިން ވެސް ވަނީ ރައީސް ޔާމީނަށް އަތުގެ އިޝާރާތުން ސަލާމް ކުރައްވާފަ އެވެ. އެ ކުޅުންތެރިންގެ މޫނު މަތިން އުފާވެރިކަން ވަރަށް ބޮޑަށް ފެންނަން ހުއްޓެވެ. ރައީސް ޔާމީންގެ ގެކޮޅުގައި ބޮޑު ގައުމީ ދިދައެއް ވެސް މިރޭ ވަނީ ނަގައިފަ އެވެ.

ތޭރަ ވަނަ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގައި ބޭއްވިގެންދާއިރު ރާއްޖޭގެ ގައުމީ ޓީމަށް މީގެ ކުރިންވެސް ރައީސް ޔާމީން ވަނީ ކާމިޔާބީއަށް އެދިފަ އެވެ.