ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ހަޔާތާ ގުޅޭ ގޮތުން ފިލްމެއް ހެދުމަށް ނިންމައިފި އެވެ.

މިކަން އިއުލާނުކޮށްފައިވަނީ ވީޓީވީގެ ފަސްމަންޒަރު ޕްރޮގުރާމްގައި ޖުމްހޫރީ ޕާޓީގެ އޯޑިއޯ/ވީޑިއޯ ސްކޮޑްގެ ކޯ-ޗެއާ އަދި މަޝްހޫރު ފިލްމީ ތަރި އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) އެވެ.

މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އާ ބެހޭ ގޮތުން ފިލްމެއް ހެދުމަށް ނިންމާފައިވާކަން އިއުލާނު ކުރައްވަމުން ކޮޕީ އިއްސެ ބުނީ ގާސިމްގެ ވާހަކަ ފިލްމެއްގެ ގޮތުގައި ހަދާފައި އޮތުމަކީ އޭނާގެ ގައުމީ ހިދުމަތް ކުރިއަށް އޮތް ޖީލުތަކަށް ދައްކުވައި ދޭނެ އަދި ކުރަން އެހާމެ މުހިއްމު ކަމެކެވެ. އެހެންވެ، އެއީ އާދައިގެ ފިލްމަކަށް ނުވާނެ ކަމަށާއި އަމާޒަކީ "އިންޓަނޭޝަނަލް ފެންވަރު" ގެ ފިލްމެއް ހެދުން ކަމަށްވެސް އޭނާ ބުންޏެވެ.

އިއްސެ އިތުރަށް ބުނިގޮތުގައި އެ ފިލްމުގައި ވިޔަފާރީގައި ކާމިޔާބު ހޯއްދަވާ މިހާރު ހުންނެވި ހިސާބަށް ގާސިމް ވަޑައިގެންނެވީ ވަރަށް ގިނަ ގޮންޖެހުންތަކާއެކުގައިކަން ވަރަށް ރަނގަޅަށް ގެނެސްދޭނެ އެވެ.

އެހެން ނަމަވެސް މިފިލްމާ ބެހޭ ގޮތުން މާބޮޑު ތަފްސީލެއް ކޮޕީ އިއްސެ ހާމަކޮށްފައެއް ނުވެ އެވެ.