ލޯންޗެއް އަޑިޔަށް ގޮސް އޭގެން ދަތުރުކުރި ކުޑަކުއްޖަކު ގެއްލިއްޖެ އެވެ.

އެމްއެންޑީއެފުން ދެންމެ ބުނީ އޮޅުވެލި ރިސޯޓް ކައިރިން ލޯންޗެއް އަޑިއަށް ގޮސްފައިވާކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ އެ ލޯންޗުން ދަތުރު ކުރަމުން ދިޔައީ ދެ ކުޑަކުދިންނާ އެކު 12 މީހުން ކަމަށެވެ. އަދި އޭގެ ތެރެއިން ކުޑަ އެއް ކުއްޖަކު ނުފެންނަ ކަމަށެވެ.

އެމްއެންޑީއެފްގެ ކޯސްޓް ގާޑުން މިހާރު ވަނީ އެ ސަރަހައްދަށް ދިއުމަށް ދަތުރު ފަށައިފަ އެވެ.

މި ހާދިސާއާ ގުޅޭ ގޮތުން ފުލުހުން ބުނީ މާލެއިން ފުރައިގެން ވ. އަތޮޅަށް ދަތުރުކުރި ލޯންޗެއް ދިޔަވަމުން އަންނަކަމުގެ މައުލޫމާތު މިއަދު 5:06 ހާއިރު ލިބިފައިވާ ކަމަށެވެ. އަދި އޮޅުވެލި ކައިރިން ނެގި ރާޅަކާއެކު އެލޯންޗުގައި ދަތުރުކުރި ތިން މީހަކު ކަނޑަށް ވެއްޓިފައިވާ ކަމަށާއި އެތަނުން ދެ މީހަކު މިހާރު ސަލާމަތް ކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

"ކަނޑަށް ވެއްޓުނު ހަތަރު އަހަރުގެ ކުއްޖާ އަދި ނުފެނޭ،" ފުލުހުން ބުނެ އެވެ.

ފުލުހުން އިތުރަށް ބުނީ އެލޯންޗު މީހާރު ގުރައިދޫ ފަޅަށް ވައްދާފައިވާ ކަމަށެވެ. އަދި އެސަރަހައްދުގައި މިހާރު ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވުމާއި ގުޅިގެން، މޫސުމާބެހޭ ގައުމީ އިދާރާއިން ރޭ ދަންވަރުން ފެށިގެން މުޅި ރާއްޖެއަށް ވަނީ ޔެލޯ އެލާޓް ނެރެފަ އެވެ. މި އެލާޓްގެ ވަގުތު ތިން ވަނަ ފަހަރަށް އިތުރުކޮށްފައިވާއިރު، ގަޑިއަކު 28 މޭލާއި، 35 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެކަމަށް މުސުމާބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ.

ރާއްޖޭގެ ކަނޑުތައް އާއްމުގޮތެއްގައި ގަދަވާނެކަމަށާއި، ރާޅުގެ އުސްމިނުގައި 6 ފޫޓާއި 8 ފޫޓު ހުންނާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވިދާޅުވެފައިވެ އެވެ. އަދި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ. އެހެންކަމުން ހުރިހާ ފަރާތްތަކަކުން ވެސް ޚާއްސަކޮށް، ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިރުޝާދުދެއްވާފަ އެވެ.