ނިއު ޔޯކް (17 އޮކްޓޯބަރު) - މައިކްރޮސޮފްޓްގެ ބާނީ ބިލް ގޭޓްސްގެ އަންހެން ދަރިފުޅު މިސްރުގެ ކުޅިވަރު ޝަހްސިއްޔަތެއް ކަމަށްވާ ނަޔަލް ނައްސާރުއާ ކައިވެނި ކޮށްފި އެވެ.

މި ދެ މީހުންގެ ސިއްރު ކައިވެނި އޮތީ މިދިޔަ ހޮނިހިރު ދުވަހު ނިއު ޔޯކްގަ އެވެ. ކައިވެނީގެ ހަފްލާ މުސްލިމް އާދަކާދައާ އެއްގޮތަށް ގެންދިޔައިރު ކައިވެންޏަށްފަހު ހާއްސަ މެހެމާނުންނަށް ދައުވަތު ދީގެން ޕާޓީއެއް ބޭއްވި އެވެ.

ގާތްގަނޑަކަށް ދެ މިލިއަން ޑޮލަރުގެ މި ކައިވެންޏަށްޓަކައި ނިއު ޔޯކްގެ ބައެއް މަގުތައް ބަންދުކުރި އިރު ހަފްލާ އޮތީ ވެސްޓްޗެސްޓާގެ ހޯސް ފާމެއްގަ އެވެ.

މި ފަހަކަށް އައިސް ބޭއްވޭ އެންމެ އަގުބޮޑު ކައިވެނީގެ ހަފްލާގައި ދުނިޔޭގެ މަޝްހޫރު ކެއްކުންތެރިން ކެއުންތަކާއި މަގުބޫލް މިއުޒިކް ބޭންޑެއް ކަމަށްވާ ކޯލްޑް ޕްލޭ ހުށައަޅުންތައް ހިމެނިފައިވެ އެވެ.

ޖެނިފާއާއި ނަޔަލްގެ އެންގޭޖްމަންޓް އެންމެ ފުރަތަމަ މީޑިއާގެ ސަމާލުކަމަށް އައީ މިދިޔަ ޖެނުއަރީ މަހު ޖެނިފާ އޭނާގެ ސޯޝަލް މީޑިއާގައި އާއްމުކުރި ޕޯސްޓަކާއެކުގަ އެވެ. އޭގެ ފަހުން އެދެ މީހުންގެ ކައިވެނީގެ އަޑުތައް އެކި ދުވަސްވަރު ގަދަ ވަމުން ދިޔަ ނަމަވެސް ރަސްމީކޮށް އެކަން އިއުލާން ކުރީ މިދިޔަ ހަފްތާގެ ތެރޭގަ އެވެ.

ދަރިފުޅުގެ ކައިވެނީގައި ބައިވެރިވުމަށްޓަކައި ބިލް ގޭޓްސް ވެސް މީގެ ދެ ދުވަސް ކުރިން ނިއުޔޯކްއަށް ގޮސްފައިވާއިރު މީގެ މަހެއްހާ ދުވަސް ކުރިން މެލިންޑާ ގޭޓްސް ވެސް ވަނީ ޖެނިފާއަށްޓަކައި ހާއްސަ ހަފްލާއެއް ބާއްވާފަ އެވެ. – އަލް އަރަބިއްޔާ