އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި މިދިޔަ ބުރާފަސްތި ދުވަހު ފެނުނު އދ. ދަނގެތީ މޮނަލާޒް، މަހުމޫދު އަބޫބަކުރުގެ މަރުގެ މައްސަލައާ ގުޅިގެން އެރަށުން އިއްޔެ ހައްޔަރު ކުރި ބަންގްލަދޭޝް މީހެއްކަމަށްވާ ސާލިމް މަހުމޫދު މަރާލި ގޮތް ކިޔައިދީފި އެވެ.
މަހުމޫދުގެ މަރާލި މައްސަލާގައި ބަންގްލަދޭޝް މީހެއްކަމަށްވާ ސާލިމް އިއްޔެ ފުލުހުން ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅޭ ގޭ ބަލާ ފާސްކުރުމަށް ފަހު އެވެ. އިއްޔެ ހެނދުނު ފެށިގެން ސާލިމް ދިރިއުޅޭ ގޭ ބަލާފާސް ކުރުމުގެ މަސައްކަތް ފުލުހުން ކޮށްފައިވާ އިރު އެގޭގެ ތެރެއިން މިމައްސަލަކާއި ގުޅުން ހުރި ހެކިތަކެއް ވަނީ ހޯދާފަ އެވެ.
މިއަދު ފުލުހުންގެ ބެލުމުގެ ދަށުން ސާލިމް ދިރިއުޅޭ ގެޔަށް އޭނާ ގެންގޮސްފައިވާއިރު މަހުމޫދު މަރާލި ގޮތް ފުލުހުންނަށް އޭނާ ވަނީ ކިޔައިދީފަ އެވެ. އަދި މަހުމޫދު މަރާލި ގޮތް ސާލިމް ލައްވާ ފުލުހުން ވަނީ ކުޅުވާފަ އެވެ.
މަހުމޫދުގެ މަރާލި މައްސަލައިގައި އެރަށު އެކި ސަރަހައްދުތައް އިތުރަށް ފުލުހުން އަންނަނީ ބަލަމުންނެވެ.
އެ މައްސަލައިގައި ހައްޔަރު ކުރި ސާލިމްގެ ބަންދަށް އެރަށު ކޯޓުން ވަނީ 15 ދުވަސް ޖަހާފަ އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ސާލިމަކީ، އެ ރަށުގައި އުމުރުން ދުވަސްވީ މީހަކު ބަލަހައްޓަން ހަވާލު ކޮށްފައިވާ މީހެކެވެ.
މަހުމޫދުގެ މަރުގެ ތަހްގީގުގައި މިހާތަނަށް ފުލުހުންނަށް ލިބިފައިވާ ކުރިއެރުންތަކުގެ އެއްވެސް މައުލޫމާތެއް ވެސް އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.