ރާއްޖެއިން ބޭރުގައި ހަނގުރާމަ ކުރުމަށް ފަހު އެނބުރި އައި ދިވެހި މީހާ ހުރީ ނޭޝަނަލް ރީއިންޓަގްރޭޝަން ސެންޓަރުގައި ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ. މިއީ އެފަދަ މަރުކަޒެއްގައި މީހަކު ބެހެއްޓި ފުރަތަމަ ފަހަރެވެ.

ހޯމް މިނިސްޓްރީން ބުނީ އުމުރުން 34 އަހަރުގެ ދިވެހި ފިރިހެން މީހާ ހުރީ ގާނޫނުގެ ދަށުން އުފައްދަންޖެހޭ ވަގުތީ މަރުކަޒުގެ ގޮތުގައި "ނޭޝަނަލް ރީ އިންޓަގްރޭޝަން ސެންޓަރު" ހިންމަފުށީގައި ގާއިމުކޮށްފައިވާ ކަމަށެވެ. އެ މަރުކަޒު ހިނގަމުންދާނީ އެ މިނިސްޓްރީގެ ދަށުން ކަމަށް އެ އިއުލާނުގައިވެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެރޭ ފުލުހުން ހިންގި ހައްސަ އޮޕަރޭޝަނެއްގައި ހައްޔަރު ކުރި މީހާ ހިންމަފުށީގައި ހުންނެ ސެންޓަރުގައި ބެހެއްޓި އިރު، އެތަނުގެ ސަލާމަތީ ކަންކަން ފުލުހުންނާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވެސް ގެންދަނީ ބަލަހައްޓަމުންނެވެ.

ޓެރަރިޒަމްގެ ގާނޫނު ބުނާ ގޮތުން، ހަނގުރާމަކުރުމަށް ފަހު ނުވަތަ ހަނގުރާމަ ހިނގާ ސަރަހައްދަކަށް ދިއުމަށް ފަހު އެނބުރި އަންނަ މީހުންނަކީ ޓެރަރިޒަމްގެ އަމަލެއްގައި ބަައިވެރިވި ބައެއްތޯ ނުވަތަ އެފަދަ ތަމްރީނެއް ލިބިފައިވާ ބައެއްތޯ ބެލުމަށް ވަގުތީ މަރުކަޒެއްގައި އެ މީހުން ބަންދު ކުރަން ޖެހޭނެ އެވެ.

ހައްޔަރު ކުރި މީހާއަކީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ ހަނގުރާމަވެރި ސަރަހައްދަކަށް ދިއުމަށްފަހު އެނބުރި ރާއްޖެ އައި ކަމަށް ތުހުމަތުކުރެވޭ މީހެކެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ހޯމް މިނިސްޓްރީން ގާއިމުކުރާ މަރުކަޒުގައި، އެ ގާނޫނުގައި ބަޔާންކުރާ ރިސްކް އެސެސްމެންޓް ހެދުމަށްޓަކައި 30 ދުވަހުގެ މުއްދަތަށް އޭނާ ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ވެސް ހޯމް މިނިސްޓްރީން ވިދާޅުވި އެވެ.

މިއީ ރާއްޖެއިން ބޭރުގައި ހިނގަމުންދާ ޓެރަރިސްޓް ހަނގުރާމަތަކުގައި ބައިވެރިވުމަށްފަހު އެނބުރި ރާއްޖެ އަންނަ މީހުންގެ ނުރައްކަލުން ދިވެހި ރައްޔިތުން ރައްކާތެރިކުރުމަށާއި، އެފަދަ މީހުން ޝަރީއާތުގެ ކުރިމަށްޗަށް ގެނެސް ގާނޫނުގައި އެފަދަ ކަންކަމަށް ކަނޑައެޅިފައިވާ އަދަބު ދިނުމަށްޓަކައި ކުރެވޭ މަސައްކަތަށާއި، ޓެރަރިޒަމްގެ ބިރުވެރިކަމުން ދިވެހިރާއްޖެ ސަލާމަތްކޮށް ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމަށް ހޯމް މިނިސްޓްރީ އާއި މިނިސްޓްރީގެ ދަށުން ހިނގަމުން އަންނަ މުއައްސަސާތަކާއި ސަރުކާރުގެ އެހެން މުއައްސަސާތައް ގުޅިގެން ކުރަމުން އަންނަ މަސައްކަތަށް ލިބިގެން ދިޔަ ކުރިއެރުމެއް ކަމަށް ވެސް ހޯމް މިނިސްޓްރީން ބުންޏެވެ.

ޜާއްޖެ އަކީ އާބާދީގެ ނިސްބަތުން ބަލާއިރު، ބޭރުގެ ހަނގުރާމަތަކުގައި ގިނަ އަދަދަކަށް މީހުން ބައިވެރިވާ ގައުމެއްގެ ގޮތުގައި އޮތީ ބެލެވިފަ އެވެ.