މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ހިންގާ ބޮޑެތި އޮޕަރޭޝަންތަކުގެ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރާ މީހުން ތަޙުޤީޤީ މަރުހަލާއާއި އަދި ކޯޓު މަރުހަލާއިން މިނިވަންވެ، މުޖްތަމަޢުގެ ތެރެއަށް ދޫވާތީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ކުއްލި މައްސަލައެއް ހުށައަޅުއްވައިފި

މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ހިންގާ ބޮޑެތި އޮޕަރޭޝަންތަކުގެ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރާ މީހުން ތަޙުޤީޤީ މަރުހަލާއާއި އަދި ކޯޓު މަރުހަލާއިން މިނިވަންވެ، މުޖްތަމަޢުގެ ތެރެއަށް ދޫވާތީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ކުއްލި މައްސަލައެއް ހުށައަޅުއްވައިފި އެވެ.

މިމައްސަލަ މިއަދު ބަލައިގަންނަން 23 މެމްބަރަކު ވޯޓު ދެއްވި އެވެ. ނުފެންނަ ކަމަށް ހަަތަރު މެމްބަރަކު ވޯޓު ދެއްވި އެވެ.

އާދަމް ޝާރީފް ވިދާޅުވެފައިވަނީ އެފަދަ އެފަދަ ފަރާތްތަކާމެދު ފިޔަވަޅު ނޭޅޭތީކަމަށާއި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރާ ބައެއް ފަރާތްތައް ރާއްޖެއިން ބޭރަށް ފުރައިގެންދާއިރުވެސް އެއްވެސް ފިޔަވަޅެއް ނާޅާތީއާއި އެފަދަ ފަރާތްތަކުން ދުނިޔޭގެ މަސްތުވާ ތަކެތީގެ ވިޔަފާރިކުރާ ބޮޑެތި ނެޓްވަރކްތަކާ ގުޅިގެން ބޮޑެތި އަދަދުތަކުން ދިވެހިރާއްޖެއަށް މަސްތުވާ ތަކެތި އެތެރެކުރާ މިންވަރު އިތުރުވެފައިވާ ކަމަށެވެ. މަސްތުވާ ތަކެތީގެ ހަބަކަށް ދިވެހިރާއްޖެ ބަދަލުވެފައިވާއިރު، މަސްތުވާ ތަކެތި އެތެރެކުރާ މީހުންނާމެދު ފިޔަވަޅު ނާޅާތީއާއި އެފަދަ ފަރާތްތައް ކޯޓު މަރުހަލާއިން ދޫވާ މައްސަލަ އިސްތިއުނާފު ނުކުރާތީއާއި، މަސްތުވާ ތަކެތި ބޭނުންކުރާ މީހުން ކަންބޮޑުވާ މިންވަރަށް އިތުރުވެ، މަގުމަތީގައި ހިނގާބިނގާވެ އުޅުމަށް ބިރުގަންނަ މިންވަރަށް މަގުތަކާއި ގޯޅިތަކުގައި މަސްތުވާ ތަކެތި ބޭނުންކޮށްގެން އުޅޭ މީހުން ގިނަވެ، ޒުވާން ޖީލުތައް ހަލާކުވަމުންދާ ކަމަށާއި އިޖުތިމާޢީ މައްސަލަތައް ގިނަވެ، މުޖްތަމަޢުގެ ތެރޭގައި ބިރުވެރިކަން އުފެދިފައިވާކަމަށެވެ. ރާއްޖޭގައި މަސްތުވާ ތަކެތި އެތެރެކޮށް ވިއްކަމުންދަނީ، މުޅި ދައުލަތް ބައިވެރިވެގެން ހިންގާ "ސްޓޭޓް ސްޕޮންސރަޑް" ވިޔަފާރިއެއްގެގޮތުގައި ކަމަށް ބެލެވޭ މިންވަރަށް ކަމަށްވެސް އޭނާ ހުށައެޅުއްވި މައްސަަލައިގައިވެ އެވެ.