ބަރަބޯ އޮށަކީ ދިވެހިންގެ ތެރެއިން ގިނަ ބަޔަކަށް ކަމުދާ އަދި އާއްމުކޮށް ކައި އުޅޭ އެއްޗެކެވެ. ތިބާއަކީ ބަރަބޯ އޮށަށް ލޯބިކުރާ ފަރާތެއް ނަމަ މިއޮތީ އުފާވެރި ހަބަރެކެވެ. އެއީ އަނގައަށް މީރުވުމުގެ އިތުރުން ސިއްހަތަށް ވެސް ވަރަށް ފައިދާހުރި އެއްޗެކެވެ.

ބަރަބޯ އޮށުގައި ގިނަ އަދަދަކަށް މެގްނީސިއަމް އަދި ޕޮޓޭސިއަމް ގެ އިތުރުން ވިޓަމިން އީ، ވިޓަމިން ބީ އަދި ކޮޕާ އަދި ޕްރޮޓީންވެސް ހިމެނެ އެވެ.

އެގޮތުން 168 މިލިގްރާމް މެގްނީސިއަމް ކޮންމެ ކޮށެއްގައި ހިމެނޭ އިރު މިއީ ހަށިގަނޑުގެ އެކި މަސައްކަތް ތަކަށް މުހިއްމު މާއްދާ އެކެވެ. ލޭ މައްޗަށް ދިއުމާއި، ލޭގައި ހަކުރު ހިމެނޭ މިންވަރު އެއްވަރެއްގައި ހިފަހައްޓައި ދިނުމަށްވެސް މިއީ މުހިއްމު މާއްދާ އެކެވެ.

ކޮންމެ މީހެއްގެ ހަށިގަނޑަށް ވެސް ދުވާލަކު 4،700 މިލިގްރާމުގެ ޕޮޓޭސިއަމް ބޭނުންވާނެ އެވެ. ހަށިގަނޑުގައި މިނަރަލްސް އެއްވަރެއްގައި ހިފެހެއްޓުމަށާއި ކިޑްނީގައި ހިލަ އުފެދުމުން ދުރުކޮށް ދިނުމަށް ޕޮޓޭސިއަމް ހާއްސަ ދައުރެއް އަދާކުރެއެވެ. ދޮންކޭލަށްވުރެ ގިނައިން ބަރަބޯ އޮށުގައި ޕޮޓީސިއަމް ހިމެނެ އެވެ.

މީގެ އިތުރުން ދިރާސާ ތަކުން ދައްކާގޮތުގައި ބަރަބޯ އޮށަކީ ކެންސަރުގެ އެކި ބާވަތްތަކުން ވެސް ދުރުކޮށްދޭ އެއްޗެކެވެ. . އެގޮތުން އުރަމަތީގެ ކެންސަރު އަދި ޕްރޮސްޓެޓް ކެންސަރަށް މިއީ ބޭހެކެވެ. ސަބަބަކީ ބަރަބޯ އޮށުގައި ގިނަ އަދަދަކަށް އެންޓިއޮކްސިޑެންޓްސް ހިމެނުމެވެ.

ބަރަބޯ އޮށަށް ލޯބި ކުރާނަމަ އެ ކެއުނު ހުއްޓާ ނުލާށެވެ. އެއީ ތިބާގެ ސިއްހަތަށް ނުހަނު ފައިދާ ކުރުވަނިވި އެއްޗެކެވެ.