ސްރީލަންކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޔޮހާނީ ދޮލޯކީ ޑި ސިލްވާ ކިޔާފައިވާ "މަނިކޭ މަގޭ ހިތޭ" މިލަވަޔަކީ މިހާރު އެންމެ މަޝްހޫރު އެއް ލަވައޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ.

ދިވެހިންގެ މެދުގައި ވެސް މިލަވަ މަގުބޫލުކަން ވަރަށް ބޮޑެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޗާޓްތަކުގައި ވެސް މިލަވަ އަންނަނީ ވާދަކުރަމުންނެވެ. އަދި މިލަވާގެ އެކި ގައުމުތަކުން އެގައުމުތަކުގެ ބަހުން އަންނަނީ ނެރެމުންނެވެ.

އެގޮތުން "މަނިކޭ މަގޭ ހިތޭ" ލަވާގެ ހިންދީ ބަހުން ނެރުމަށްވެސް މިހާރު ވަނީ ނިންމާފަ އެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ބޮލީވުޑްގެ ޑައިރެކްޓަރު އިންދަރް ކުމާރު މިހާރު ހަދަމުން އަންނަ ފިލްމު "ތޭންޚް ގޯޑް" ގައި "މަނިކޭ މަގޭ ހިތޭ" ލަވާގެ ހިންދީ ލަވަ ހިމެނުމަށް ވަނީ ނިންމާފަ އެވެ. އަދި ހިންދީ ލަވަ ކިޔުމުގެ ފުރުސަތު ވެސް ޔޮހާނީއަށް ވަނީ ދީފަ އެވެ.

އެ ފިލްމު އުފައްދާ ޓީ ސީރީޒްއިން ވެސް ވަނީ އެކަން ރަސްމީކޮށް ހާމަކޮށްފަ އެވެ.

މިކަމާ ގުޅިގެން ޔޮހާނީ ބުނެފައިވަނީ "މަނިކޭ މަގޭ ހިތޭ" ލަވަ ރެކޯޑް ކުރިއިރު މިހާބޮޑު މަޝްހޫރުކަމެއް މި ލަވައަށް ލިބިދާނެ ކަމަކަށް އޭނާ ހިއެއް ނުކުރާ ކަމަށެވެ.

ޔޮހާނީ ބުނީ ލަވަ އާއި އޭނާއަށް ލިބެމުންދާ ސަޕޯޓުން ވަރަށް އުފާވާ ކަމަށެވެ. އަދި ހިންދީ ލަވަ ކިޔުމުގެ ފުރުސަތު ދިނުމުން އިންދަރް އަށް ޔޮހާނީ ވަނީ ޝުކުރު އަދާކޮށްފަ އެވެ.

https://www.instagram.com/p/CUzR7I7oaBB/?utm_source=ig_embed&utm_campaign=embed_video_watch_again

ފިލްމު "ތޭންކް ގޯޑު" ގެ ލީޑްރޯލުން ފެނިގެންދާނީ އަޖޭ ދޭވްގަން އާއި ސިދާތް މަލޯތްރާގެ އިތުރުން ރަކުލް ޕްރީތް ސިންގް އެވެ.

ބުޝާން ކުމާރް، އިންދްރާ ކުމާރް އަދި އަޝޯކް ތަކެރިޔާގެ މި ފިލްމަކީ އަންނަ އަހަރު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ފިލްމެކެވެ.

ސިންހަޅަ ބަހުން ކިޔާފައިވާ "މަނިކޭ މަގޭ ހިތޭ" ލަވައިގެ އޮރިޖިނަލް ލަވަ ރިލީޒްކޮށްފައިވަނީ 2020 ޖުލައި ސަތީޝަން ރަތުނަޔާކަ ކިޔާފައިވާ ލަވައެކެވެ.

https://www.youtube.com/watch?v=PgCliOxl41o

އެހެން ނަމަވެސް ސަތީޝަން ރަތުނަޔަކާއެކު ޔޮހާނީ 2021 މެއި 22 ގައި ކިޔާފައިވާ ކަވާ ސޯންގަށް ލިބުނު ތަރުހީބު މާ ބޮޑެވެ.

ޔޮހާނީގެ "މަނިކޭ މަގޭ ހިތޭ" ލަވަ އޭނާގެ ޔޫޓިއުބްގައި ރިލީޒް ކުރިތާ ހަތަރު މަސް ދުވަސް ތެރޭގައި 160 މިލިއަން ވިއުސް ލިބިފައިވެ އެވެ.