ސިލޯނަށް ބޭންކަށް މިއަދު ޖަމާކުރަން ގެންދިޔަ ގިނަ އަދަދެއްގެ ފައިސާތަކެއް ބަޔަކު ފޭރެން އުޅުމުން ނާކާމިޔާބު ކޮށްލައިފި އެވެ.

އެ ފައިސާއަކީ އެއީ މާލޭގައި ފުޅާ ދާއިރާއެއްގައި ދުންފަތުގެ ވިޔަފާރިކުރާ "ރޫޓް" ފިހާރައިން ޖަމާކުރަން ގެންދިޔަ ފައިސާ ތަކެކެވެ. ނަމަވެސް އެއީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް ސާފެއް ނުވި އެވެ.

އެ ފައިސާތައް ފޭރެން މަސައްކަތްކުރި ވީޑިއޯ މިހާރު އަންނަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.

ސިލޯނު ބޭންކު ހުންނަ ހ. އަކިރި ބިލްޑިންގައި ހުންނަ ކެމެރާއަކުން ރެކޯޑްކޮށްފައިވާ އެ ވީޑިއޯ އިން ފެންނަނީ ދެ ސައިކަލަކުން ހަތަރު މީހަކު ގޮސް، އެ ބޭންކުގެ ކުރިމައްޗަށް މަޑުކުރުމަށްފަހު ފައިސާ ހިފައިގެން ދިޔަ ވެހިކަލް ކައިރިއަށް މަޑު ކުރާ މަންޒަރެވެ. އޭގެ ފަހުން ވެހިކަލުގެ ދޮރު ހުޅުވާލުމުން ސައިކަލުން ދެ މީހަކު ފައިބައިގެން ގޮސް ފައިސާ ފޭރެން މަސައްކަތްކުރެ އެވެ.

ފޭރެން އުޅުނު ހަތަރު މީހުންގެ ތެރެއިން ތިން މީހަކު ހެލްމެޓް އަޅައިގެންނެވެ. އަދި އަނެކަކު މާސްކެއް ވެސް އަޅައިގެން ހުއްޓެވެ. ފައިސާ ފޭރެން ތިން މީހަކު ސައިކަލުން ފޭބި އެެވެ.

އެ މީހުން ވޭން ތެރެއިން ފައިސާ ހިފައިގެން ދާން މަސައްކަތް ކުރުމުން، އެ ސަރަހައްދުގައި ތިބި ގިނަ ބަޔަކު ވަނީ ދުރަށް ގޮސްފަ އެވެ. އަދި ވެހިކަލުން ފޭބި އަންހެނަކާއި ދިމާލަށް "ސްޕްރޭ" ކުރާ މަންޒަރު ވެސް އެ ވީޑިއޯ އިން ފެނެ އެވެ.

އެ ފައިސާތައް ފޭރެން އުޅުމުން އެކަން ހުއްޓުވީ ބީއޯސީގެ ސެކިއުރިޓީއަކަށް ހުރި މީހަކު ގޮސް ހުރަސް އެޅުމުންނެވެ. އެވަގުތު ފައިސާ އަޅާފައި ހުރި ފޮށިގަނޑާއެކު ބިންމައްޗަށް ވެއްޓުމުން ފޮޅާލާފައި އެ މީހުން ފިލަން ދުއްވައިގަނެ އެވެ.

ފުލުހުން ވިދާޅުވީ، ބޭންކަށް ޖަމާ ކުރުމަށް ގެންދިޔަ ގިނަ އަދަދެއްގެ ފައިސާ ބަޔަކު ވެގެން ފޭރެން މަސައްކަތް ކުރި މައްސަލައެއް މިއަދު 11:47 ހާއިރު ފުލުހުންނަށް ހުށަހެޅުނު ކަމަަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.