ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމާ ބައްދަލު ކުރައްވައިފި އެވެ.

ރައީސް ނަޝީދު ވަނީ ގާސިމް އާ ބައްދަލުކުރެއްވުމަށް މިއަދުގެ ކުއްލި ގޮތަކަށް އދ. މާމިގިއްޔަށް ވަޑައިގެންފަ އެވެ.

މާމިގިއްޔަށް ވަޑައިގަތުމުން އެ ރަށުން ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވީ ސީދާ ގާސިމް އިބްރާހީމެވެ. އެ ދެ ބޭފުޅުން އެކީގައި ވަނީ މާމިގިލިން އެ ރަށް ކައިރީގައި އޮންނަ ސަން އައިލެންޑަށް ވަޑައިގެންފަ އެވެ.

ރައީސް ނަޝީދު މާމިގިއްޔަށް ކުރައްވާ ދަތުރުފުޅުގައި އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު އާއި، އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމްއާއި، އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ބައިވެރިވެ ވަޑައިގަންނަވަ އެވެ.

ސަން އައިލެންޑު ރިސޯޓުގައި މިހާރު ކުރިއަށްދާ މި ބައްދަލުވުމުގައި ރައީސް ނަޝީދާއި ގާސިމުގެ މެދުގައި މަޝްވަރާކުރެވުނީ ކޮންކަމަކާ ގުޅިގެންކަން އަދި މިހާތަނަށް ޖުމްހޫރީ ޕާޓީން އަދި އެމްޑީޕީން ވެސް ހާމަނުކުރެ އެވެ.

މި ބައްދަލުވުން ބާއްވާފައިވަނީ ރައީސް ނަޝީދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވައި ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށްފަހު، ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ މަސައްކަތްކުރައްވާނީ ރައީސް ސޯލިހުގެ ލަފައާ އެއްގޮތަށް ކަމަށް ވިދާޅުވެފައިވާ ދަނޑިވަޅެއްގަ އެވެ.