ބޮލީވުޑްގައި މިހާރު މަޝްހޫރު ދެ ފަންނާނުން ކަމަށްވާ ރަންބީރު ކަޕޫރާއި އާލިއާ ބަޓް މިއަހަރުގެ ޑިސެމްބަރު މަހު ކައިވެނިކުރުމަށް ނިންމާފައިވާ ކަމަށް ފިލްމީ ހަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނެފި އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިއަހަރުގެ ޑިސެމްބަރު މަހު އިޓަލީގައި ބާއްވާ ހާއްސަ ހަފުލާއެއްގައި އެ ދެ ފަންނާނުން ކައިވެނި ކުރުމަށް ނިންމާފައިވާ ކަމަށެވެ.
މީގެ ކުރިން ރަންބީރު އާއި އާލިއާގެ ކައިވެނި ކުރުމަށް ނިންމާފައިވަނީ މިދިޔަ އަހަރު އެވެ. އެހެން ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން އެމީހުންގެ ކައިވެނި ވަނީ ލަސްކުރެވިފަ އެވެ.
ފިލްމު ''ބްރަހްމަސްތުރާ''ގެ ޝޫޓިން ނިންމާލުމަށް ފަހު ސަންދީޕް ރެޑީ ވަންގާސް ޑައިރެކްޓް ކުރާ ފިލުމު ''އެނިމަލް'' ގެ ޝޫޓިން ފެށުމަށް ތާވަލު ކުރެވިފައިވީ ނަމަވެސް ރަންބީރު ވަނީ އެ ފިލުމުގެ ޝޫޓިން އަންނަ އަހަރުގެ ޖެނުއަރީ ފަހުކޮޅަށް ލަސްކޮށްފަ އެވެ.
ފިލުމު ''އެނިމަލް'' ގެ ޝޫޓިން ރަންބީރު ލަސްކޮށްފައިވަނީ ރަންބީރާއި އާލިއާގެ ކައިވެންޏަށް ކަމަށް ވެސް ރިޕޯޓްތަކުގައިވެ އެވެ.
އާލިއާއާއި ރަންބީރުގެ އިތުރުން މިއަހަރު ކައިވެނި ކުރާނެ ކަމަށް މީޑިއާގައި ރިޕޯޓް ކުރަމުން އަންނަ ބޮލީވުޑްގެ ދެ ތަރިންނަކީ ކެތުރީނާ ކެއިފުއާއި ވިކީ ކޯޝަލް އެވެ.
އެހެން ނަމަވެސް އެ ދެ ފަންނާނުން ވަނީ ކައިވެނި ކުރަން ވަގުތު ޖެހުމުން އެކަން ކުރާނެ ކަމަށް ބުނެފަ އެވެ. އަދި ވަކި ތާރީހެއްނ ކަނޑައަޅާފައިނުވާ ކަމަށްވެސް ވަނީ ބުނެފަ އެވެ.