ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށް ގިނަ ބަޔަކު އެކި ކަހަލަ މަސައްކަތް ކުރެއެވެ. ކެއުމަށް ބޮޑެތި ބަދަލުތަކެއް ގެނެ އެވެ. ނަމަވެސް އެގޮތުގައި ހިފަހައްޓާ ލެވެނީ މަދު ބަޔަކަށެވެ. ސަބަބަކީ ގިނަ މީހުންނަށް ރަނގަޅު ޑައިޓަކީ ކޮބާ ކަމެއް ނޭނގުމެވެ.

ކެއުމަށް ގެންނަ ކުޑަ ބަދަލަކުން ވެސް ބަރުދަން ލުއި ވުމަށް އެހީވެ އެވެ. އެހެންނަމަވެސް އެއީ ރަނގަޅު ބަދަލަކަށްވާ ނަމަ އެވެ.

އެގޮތުން ލުނބޮއަކީ ފަސޭހައިން ލިބޭ އަދި ބަރުދަން ލުއިކުރުމަށް ބޭނުންކުރެވިދާނެ މޭވާ އެކެވެ. ކޮންމެ ދުވަހަކު ގަވާއިދުން ހަތަރު ތަށި ލުނބޯފަނި ބޭނުން ކުރާނަމަ ހަށިގަނޑުން ކޮންމެ ދުވަހެއްގެ މަތިން 300 ގްރާމް ލުއިވެގެންދެ އެވެ.

މިގޮތަށް ލުނބޯފަނި ބޭނުން ކުރައްވާއިރު ލުނބޯފަނީގެ ތެރެއަށް މާމުތް އެއްކުރައްވައިގެން ފިނި ބުއިމެއް ގޮތުގައި އައިސް ކިއުބް އަޅައިގެން ބޭނުން ކުރައްވާށެވެ. ސަބަބަކީ ފިނި ބުއިންތަކަކީ ހަށިގަނޑަށް އިތުރު ހަކަތަ ގެނެސްދޭ އެއްޗަކަށް ވާތީ އެވެ.

ދުވަހުގެ ފެށުމުގެ ގޮތުން ހެނދުނުގެ ސަޔަށް ތަރުކާރީ ސެލެޑަކާއެކު ލުނބޯފަނި ބޭނުން ކުރައްވާށެވެ. އަދި މެންދުރު ކެއުމުގެ ކުރިން ދެވަނަ ލުނބޯފަނި ތަށި ބޭނުން ކުރައްވާއިރު އަލްމަންޑް ފަދަ އެއްޗެއް ބޭނުން ކުރައްވާށެވެ.

މެންދުރު ކެއުމަށް ބިސް އަދި ގިނައިން ފެހިކަން ގަދަފަތް ބޭނުން ކުރުމަށް އާދަ ކުރައްވާށެވެ. އެގޮތުން ބަތާއެކު ލެޓިއުސް ފަދަ ފަތް މޮޑެގެން ބޭނުން ކުރެވިދާނެ އެވެ.

އެއަށްފަހު ހަވީރު ތިންވަނަ ފަނިތަށި ބޭނުން ކުރައްވާށެވެ. އަދި ހަވީރު ސައި ސްކިޕް ކޮށްލުމަށްފަހު އެގަޑިގައި ކޮންމެވެސް މޭވާއެއް ބޭނުން ކުރައްވާށެވެ.

ރޭގަނޑުގެ ކެއުމުގައި ބަތާއެކު ފިހުނު މަހެއް ނުވަތަ ތަރުކާރީ ސެލެޑެއް ބޭނުންކުރެވިދާނެ އެވެ. އަދި ދުވަހުގެ އެންމެ ފަހު ފަނިތަށި ނިދުމުގެ ދެ ގަޑިއިރު ކުރިން ބޭނުން ކުރައްވާށެވެ.

މިގޮތަށް ކެއުން ކުރިއަށް ގެންދާއިރު ތައްޔާރީ ކާނާ ނުވަތަ ޖަންކް ފުޑްސް ބޭނުން ކުރުން ހުއްޓާލުން މުހިއްމެވެ.