އެމްޓީސީސީއަށް މިދިޔަ ކުއާޓަރުގައި 51 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބިއްޖެ އެވެ.
ދަތުރުފަތުރާއި ކޮންސްޓްރަކްޝަނާއި އިންޖީނު ވިއްކުމުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ކުންފުނިން އާއްމުކުރި މިއަހަރުގެ ތިންވަނަ ކުއާޓަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން 350 މިލިއަން ރުފިޔާގެ ވިޔަފާރި ކޮށްފައިވެ އެވެ. އަދި ވިޔަފާރިއަށް ކުރި ޚަރަދު ކެނޑުމުން ޖުމްލަ ފައިދާގެ ގޮތުގައި 86 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ކުއާޓަރުގައި އެކަނި މުދާ ވިއްކުމަށާއި މާކެޓިން ޚަރަދުތަކަށް 8.3 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އަދި ހިންގުމުގެ ޚަރަދަށް 31.2 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
ޓެކްސްއަށް ކެނޑުމުގެ ކުރިން އެ ކުންފުންޏަށް ފައިދާ ގޮތުގައި 60.2 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ވިޔަފާރީގެ ފައިދާއިން ޓެކްސްގެ ގޮތުގައި ނުވަ މިލިއަން ރުފިޔާ ދައްކާފައިވެ އެވެ.
އެ ކުންފުންޏަށް މިއަހަރުގެ ދެވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 15.5 މިލިއަން ރުފިޔާ ލިބުނުއިރު ފުރަތަމަ ކުއާޓަރުގައި ލިބުނީ 52.9 މިލިއަން ރުފިޔާ އެވެ. އެމްޓީސީސީއަށް މިއަހަރުގެ ތިން ކުއާޓަރު ނިމުނުއިރު ސާފު ފައިދާގެ ގޮތުގައި 119.2 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.