އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެބަރުން ވަކިކޮށް ރައްޔިތުންގެ މަޖިލިހުގެ ފޮނުވަން، މަޖިލީހުގެ މިނިވަންވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ފާހެއް ނުވި އެވެ.
އޭސީސީގެ މެމްބަރުން ވަކިކުރަން ކޮމިޓީ އަށް ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) އެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމެވެ.
އެ ދެބޭފުޅުންނާއި ކޮމިޓީގެ މުގައްރިރު އަދި އައްްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްގެ އިތުރުން ކޮމިޓީގައި މިއަދު ބައިވެރިވެވަޑައިގަތީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހުސައިން ޝަމީމް (އަނދުން ހުސައިން)، ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް، ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް، ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް އަދި ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމެވެ.
މި ހުށަހެޅުމަށް ތާއީދުކޮށް ވޯޓުދެއްވީ ދެ މެމްބަރުންނެވެ.
އޭގެ ބަދަލުގައި ކޮމިޓީން ނިންމީ އޭސީސީގެ މެމްބަރުން ވަކިވަކިން މިނިވަން މުއައްސަސާތަކައި ބެހޭ ކޮމިޓީ އަށް ހާޒިރުކޮށްގެން އެ ކޮމިޝަނުގައި ހުރި މައްސަލަތައް ދެނެގަތުމަށެވެ. އެކަމަށް ހުށަހެޅުއްވީ އަނދުން ހުސެއިނެވެ. އަދި ތާއީދު ކުރެއްވީ އުޝާމެވެ.
އޭސީސީގައި ތިއްބެވި ފަސް މެމްބަރުންނަކީ އެ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ އާއި ނައިބު ރައީސް ފާތުމަތު އަނޫލާ އާއި މެމްބަރު އަލީ އަޝްރަފާއި އިބްރާހިމް ޝަކީލާއި އައިޝަތު އަބްދުﷲއެވެ.
އޭސީސީގެ ތަހުގީގުތައް ލަސްވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލިހުގައި އެމްޑީޕީގެ މެމްބަރުން މީގެކުރިން އެ ކޮމިޝަންގެ މެމްބަރުންނަށް ފާޑު ވެސް ވިދާޅުވި އެވެ.