ތައުލީމީ ދާއިރާއަށް، އަދި ވަކީން ހާއްސަކޮށް މުދައްރިސުންނަށް، ކުރިމަތިވެފައިވާ އެކިއެކި ދަތިތައް ދެނެގަތުމަށް އިލްމީ ނަޒަރިއްޔާތަކުން ދިރާސާއެއް ހެދުމަކީ މި ވަގުތަށް ނުހަނު މުހިންމު ކަމެއް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

ނައިބު ރައީސް ފައިސަލް މިހެން ވިދާޅުވީ މުދައްރިސުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ދިރާސާ ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވައިލައްވާފައިވާ ރިސާޗް ގުރޫޕުގެ މެންބަރުންނާއެކު މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިބައްދަލުވުމުގައި ނައިބު ރައީސް ވިދާޅުވީ ތައުލީމީ ދާއިރާއަށް ހެޔޮ ބަދަލުތަކެއް ގެނައުމަކީ މި ސަރުކާރުން މުހިންމު އިސްކަމެއް ދޭ ކަމެއް ކަމަށެވެ. އަދި ރީސާޗް ގުރޫޕުން ހަދާ ދިރާސާ މެދުވެރިކޮށް އެ ދާއިރާއަށް ކުރިމަތިވެފައިވާ އެކިއެކި މައްސަލަތަކާއި ދަތިތައް ހައްލު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމުގައި ދެކެވަޑައިގަންނަވާ ކަމަށްވެސް ނައިބް ރައީސް ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން، ސަރުކާރުގެ އަމާޒަކީ ދިރާސީ އައު އަހަރަކާ ކުރިމަތިލާއިރު، ތައުލީމީ ދާއިރާއާއި މުދައްރިސުންނަށް ކުރިމަތިވެފައިވާ ގިނަ މައްސަލަތަކަށް ހައްލު ލިބުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ސޯލިހު އެކުލަވައިލެއްވި "ތައުލީމީ ދާއިރާގެ ޓީޗަރުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ދިރާސާ ކުރުމުގެ ރީސާޗް ގުރޫޕު" އަކީ އެކި ދާއިރާތައް ހިމެނޭގޮތުން ހަ މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ގުރޫޕެކެވެ. މި ގޮތުން، އެޑިޔުކޭޝަން ޕޮލިސީ އެންޑް ޕްލޭނިންގ، ހިޔުމަން ރިސޯސަސް، ސޯޝިއޮލޮޖީ، ޓްރެއިނިން، ފައިނޭންސް އަދި ތައުލީމީ ދާއިރާގެ ތަޖުރިބާކާރުން މި ރީސާޗް ގުރޫޕުގައި ހިމެނިވަޑައިގަންނަވަ އެވެ.

މި ގުރޫޕުގެ މައިގަނޑު މަސައްކަތަކީ މުދައްރިސުންނާ ގުޅޭގޮތުން ތައުލީމީ ދާއިރާއަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތައް ސާފުކޮށް ދެނެގަތުމާއި، ސަރުކާރު ސްކޫލްތަކުގައި މަސައްކަތްކުރާ މުދައްރިސުން އެ ފަންނުގައި ދެމިތިބުމާއި ކުރިއަށްދިއުމަށް ކުރިމަތިވެފައިވާ ދަތިތައް އިމްލީ ދިރާސާއެއްގެ އަލީގައި ދެނެގަތުމާއި، ތައުލީމީ ދާއިރާގައި ހުރި މައްސަލަތައް ހައްލުކޮށް، އެ ދާއިރާއަށް ހެޔޮ ބަދަލުތަކެއް ގެނެވިދާނެ ގޮތްތަކެއް ހޯދުމެވެ.