އައްޑޫގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވެގެން ފަރުވާ ދެމުންދިޔަ މީހަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ އެކްސިޑެންޓްގައި ފަރުވާދެމުން ގެންދިޔަ 59 އަހަރުގެ މީހަކު ރޭ މަރުވެފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ މީހާ މަރުވީ އެ އެކްސިޑެންޓްގައި ބޮލަށާއި މޫނަށް ލިބުނު އަނިޔާތަކަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް 11:20 ހާއިރު ކަމަށެވެ.

އެ އެކްސިޑެންޓް ހިނގީ ސ. ގަމަށް ޑިއުޓީއަށް ދަނިކޮށް މަގުމަތީ ދުވަން ނުކުމެ އުޅުނު މީހެއްގެ ގައިގައި ޖެހިގެން ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި އެ އެކްސިޑެންޓް ހިނގިއިރު ސައިކަލް ދުވަން ހުރި މީހާއަށް މާބޮޑު އަނިޔާއެއް ނުލިބޭ ކަމަށް ވެސް ބުންޏެވެ.

އައްޑޫ ލިންކް ރޯޑުގައި ދޭތެރެ ދޭތެރެއިން ނުރައްކާތެރި އެކްސިޑެންޓްތައް ހިނގައި އެތައް މީހުން މަރުވެ، ގިނަ އަދަދެއްގެ ވެހިކަލްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.