ބޭސް އުފައްދާ ކުންފުނި ކަމަށްވާ އެމެރިކާގެ ފައިޒާއިން ކޮވިޑް-19އަށް ފަރުވާއެއްގެ ގޮތުގައި އުފެއްދި ގުޅަ ބޭހުން، އެ ބަލީގައި ހާލު ބޮޑުވާ މީހުންގެ ނިސްބަތަ 89 ޕަސެންޓް ދަށްވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ފައިޒާއިން މިހެން ބުނެފައި ވަނީ އެ ކުންފުނީގެ ގުޅަބޭހުގެ ކްލިނިކަލް ޓެސްޓުތައް ނިންމާލުމަށްފަހު އޭގެ ނަތީޖާތަކާ ބެހޭ ގޮތުން ނެރުނު ނޫސް ބަޔާނެއްގަ އެވެ.

އެ ނޫސް ބަޔާނުގައި ބުނެފައިވަނީ ފައިޒާގެ ގުޅަ ބޭސް ބޭނުންކޮށްގެން ފަރުވާ ދެވުނު މީހުންގެ މެދުގައި ހާލު ބޮޑުވެ ފުރާނައަށް ނުރައްކާވާ ނިސްބަތް 89 ޕަސެންޓް ދަށް ކަމަށެވެ.

އެޗްއައިވީއަށް ފަރުވާ ދިނުމަށް ބޭނުންކުރާ ރިޓޮނަވީރް ބޭހުގެ ބައިތައް އެކުލަވައިގެން ފައިޒާއިން އުފެއްދި މި ގުޅަ ބޭހަކީ ކޮވިޑް 19ގެ ފަރުވާ އަށް ބޮޑު އިންގިލާބެއް ގެނުވާނެ އުފެއްދުމެއް ކަމުގައި ފައިޒާ ކުންފުނީގެ ޗީފް އެގްޒެކިއުޓިވް އެލްބާޓް ބުރްލާ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިޅާޅުވީ ސިއްހީ އިދާރާތަކުން ބޭނުންވާ ހުއްދަތައް ލިބިއްޖެ ނަމަ މިއީ ގިނަ ބައެއްގެ ފުރާނަ ސަލާމަތް ކުރުމަށް އެހީވެދޭނެ ބޭހެއް ކަމަށެވެ.

ފައިޒާ ގުޅަ ބޭހުގެ ޓެސްޓުތަކުގެ ނަތީޖާތައް ރަސްމީކޮށް އަދި އިއުލާން ނުކުރި ނަމަވެސް ނަތީޖާތަކުގެ ރިޕޯޓަކީ މި ދާއިރާގެ ތަޖުރިބާކާރުންނަށް މުހިއްމު މައުލޫމާތުތަކަކަށް ވާނެ ކަމުގައި ފައިޒާއިން ބުނެ އެވެ.

ފައިޒާގެ ގުޅަ ބޭސް އާއްމުކޮށް ބޭނުން ކުރަން ފެށުމަށް ހޯދަންޖެހޭ ހުއްދަތައް ހޯދުމަށް ފުޑް އެންޑް ޑްރަގު އޮތޯރިޓީއަށް ފޮނުވުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފައިޒާއިން ބުނެފައިވެ އެވެ. -- އެންބީސީ