އޮސްޓްރޭލިއާގެ ހުޅަނގު އައްސޭރީގައި ފަތަން ނުކުމެ އުޅުނު މީހަކަށް ހުދު މިޔަރެއް ހަމަލާދީ މަރާލައިފި ކަމަށް ރިޕޯޓުތަކުން ބުނެފި އެވެ.
އުމުރުން 57 އަހަރުގެ ޕައުލް މިލަޗިޕް ނަމަކަށް ކިޔާ އިނގިރޭސިވިލާތުގެ އެ މީހާ ފަތަން ނުކުމެ އުޅުނީ ނޯތު ފްރެމެންޓޭލްގެ ޕޯޓު ބީޗަށެވެ.
މަންޒަރު ދުށް މީހުން ބުނާ ގޮތުގައި ޕައުލްއަށް ވަނީ އެއްފަހަރާ ދެ މިޔަރެއްގެ ހަމަލާ އަމާޒުވެފަ އެވެ.
އެ ސަރަހައްދުގެ ފުލުހުން ބުނި ގޮތުގައި މިދިޔަ ހޮނިހިރު ދުވަހު ފަތަން އުޅުނު މީހަކަށް މިޔަރެއް ހަމަލާ ދިން ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ. ނަމަވެސް ޕައުލް ބޭނުންކުރި ކަމަށް ބެލެވޭ ގޮގްލްސް ކަނޑުގެ އަޑިން ފެނުމާއެކު އޭނާ ހޯދަން ވައިގެ މަގުންނާއި އެއްގަމު މަގުން ކުރަމުން އައި މަސައްކަތް ހުއްޓާލާފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.
ލަންޑަންއަށް ނިސްބަތްވާ ޕައުލްގެ އަންހެނުން ބުނި ގޮތުގައި އޭނާއަކީ ކަސްރަތު ކުރުމަށް ލޯބިކުރި ތަމްރީނު ލިބިގެން ހުރި ފެތުންތެރިއެއް ކަމަށެވެ. ޕައުލްއަށް ހަމަލާ ކުރިމަތިވި އިރު އޭނާގެ އަންހެނުންނާއި ދެކުދިން ވެސް ތިބީ އެ ބީޗުގަ އެވެ.
ޕައުލްއަށް ހަމަލާ ދިނީ ގާތްގަނޑަކަށް 14 ފޫޓު ދިގު ހުދު މިޔަރެއް ކަމަށާއި ފެނުއަޑިއަށް ދިއުމުގެ ކުރިން މިޔަރުގެ ހަމަލާއިން ސަލާމަތްވާން އޭނާ ވަރަށް މަސައްކަތްކުރި ކަމަށް މަންޒަރު ދުށް މީހުން ބުންޏެވެ.
އެ ސަރަހައްދުގައި އެވަގުތު ޑިންގީއެއްގައި ތިބި ފުރާވަރުގެ ކުދިންތަކެއް ވަނީ މަންޒަރު ފެނުމާއެކު މޫދުގައި ތިބި މީހުން އެއްގަމަށް އަރަން ގޮވައި އިންޒާރު ދީފަ އެވެ. އެކުދިންގެ އެ އަމަލަކީ ގިނަ ބައެއްގެ ފުރާނަ ސަލާމަތްވި ކަމެއް ކަމަށް ބުނެ ޕައުލްގެ އާއިލާއިންނާއި ފުލުހުން ވެސް ވަނީ އެކުދިންނަށް ތައުރީފްކޮށް ޝުކުރު އަދާކޮށްފަ އެވެ.
އޮސްޓްރޭލިއާގެ މިޔަރުތަކާ ބެހޭ ގޮތުން ދިރާސާކުރާ ސައިންސިސްޓެއް ބުނި ގޮތުގައި ޕޯޓު ބީޗަކީ މިޔަރުގެ އާބާދީ ގިނަ އެފަދަ ހަމަލާތައް ކުރިމަތުވުން ގާތް ތަނެއް ކަމަށެވެ.