ލޭގެ ޓެސްޓް ހެދުމަށް ބޭނުންކުރާ މެޝިންތަކަށް މައްސަލަ ދިމާވުމުގެ ސަބަބުން އައިޖީއެމްއެޗުން ލޭގެ ޓެސްޓު ހެދުން ހުއްޓުމަކަށް އައިސްފައިވާ ކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފި އެވެ.

މިރޭ އައިޖީއެމްއެޗުން ނެރުނު ނޫސްބަޔާނުގައި ވަނީ އައިޖީއެމްއެޗް ލެބޯޓްރީއިން ދެމުންދާ އައުޓްޕޭޝަންޓް ލޭގެ ޓެސްޓު ހަދަން ބޭނުންކުރާ އެލިނިޓީ ސީއެލްގެ މެޝިންތަކަށް ދިމާވެދާނެކަމަށް ކުރިން ލަފާކުރެވިފައިނެތް، ޓެކްނިކަލް މައްސަލައެއް ދިމާވުމާއި ގުޅިގެން ޓެސްޓުތައް ހެދުން ވަނީ ވަގުތީ ގޮތުން މަޑުކަނޑާލެވިފައިވާ ކަމަށެވެ.

އަންގާރަ ދުވަހުން ފެށިގެން ދިމާވެފައިވާ މައްސަލަ ހައްލުކުރެވެންދެން އައިޖީއެމްއެޗުން ހަދަމުން ގެންދިޔަ އައުޓްޕޭޝަންޓް ލޭގެ ޓެސްޓުތަކާއި އެހެނިހެން ހޮސްޕިޓަލުތަކުން، އައިޖީއެމްއެޗަށް ފޮނުވާ ލޭގެ ޓެސްޓުތައް ހެދުން ވަނީ ހުއްޓާލެވިފައި ކަމަށް ބުނެފައިވެ އެވެ.

މި މެޝިންތަކަށް ދިމާވި މައްސަލަ ހައްލު ކުރުމަށްޓަކައި އައިޖީއެމްއެޗްގެ ޓެކްނިކަލް ޓީމް ދަނީ ހުއްޓުމެއްނެތި މަސައްކަތް ކުރަމުން ކަމަށް ވެސް އެހޮސްޕިޓަލުން ނެރުނު ބަޔާނުގައިވެ އެވެ. އަދި މިސަބަބާއިހުރެ މިއަދު ޓެސްޓު ހެދުމަށް ސާމްޕަލް ނެގުނު ފަރާތްތަކުގެ ޓެސްޓުތައް ހެދިފައި ނުވާ ކަމަށް ވެސް އައިޖީއެމްއެޗް އިން ބުނެ އެވެ.

މިއަދުގެ ޓެސްޓުތައް ހެދިފައިނުވާތީ އައުޓްޕޭޝަންޓް ލޭގެ ޓެސްޓު ހައްދަން ރިކުއެސްޓުކޮށް ސާމްޕަލް ދީފައިވާ ފާރާތްތަކަށް ބަލްކްކޮށް މިހޮސްޕިޓަލުން ފޯނު މެސެޖްގެ ޒަރީޢާއިން މިކަމާބެހޭ މައުލޫމާތު ހިއްސާކުރަމުން ގެންދާނެ ކަމަށް ހޮސްޕިޓަލުންބުނެއެވެ. މި ޓެސްޓުތައް، ވިނަވި ޚިދުމަތް ފޯރުކޮށްދޭ އެހެން ކޮންމެ ލެބޯޓްރީއަކުން ހެދުމުގެ ފުރުސަތު އޮތް ކަމަށް ވެސް އައިޖީއެމްއެޗް އިން ބުނެފައިވެ އެވެ.

އައިޖީއެމްއެޗްއަކީ ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލެވެ. އެ ހޮސްޕިޓަލްގެ ހިދުމަތްތަކުގެ ފެންވަރާ ގުޅޭ ގޮތުންނާއި އަދި ތަނުގެ މެއިންޓެނަންސް ކަންކަން ނުބެލެހެއްޓޭތީ އެކަމުގެ ޝަކުވާތައް ފަހަކަށް އައިސް ކުރެވެމުން ދެއެވެ.