ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފައްދާފައިވާ މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓަށް ޖަރުމަނުގެ ބޭންކެއް ކަމަށްވާ ޑޮއިޝޭ ބޭންކުން 300،000 ޑޮލަރު ދޭން ނިންމައިފި އެވެ.

ޔޫރަޕްގެ އެންމެ ވަރުގަދަ އެއް ބޭންކުން އަލަށް އުފެއްދި އޯޝަން ރެޒިލިއަންސް ފިލަންތްރޮޕީ ފަންޑު ލޯންޗްކުރީ މިދިޔަ ހުކުރު ދުވަހު އެވެ.

އެ ބޭންކުގެ ވެބްސައިޓްގައިވާ ގޮތުން އެ ފަންޑުގެ ބޭނުމަކީ ކަނޑުތަކުގެ ދިރުން އާލާކޮށް ރައްކާތެރި ކުރުމަށް ހިންގާ މަޝްރޫއުތަކަށް އެހީވުމެވެ. އަދި ރައީސް ނަޝީދު އިސްވެ ހުންނަވައި އުފައްދަވާފައިވާ މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓުން ހިންގާ ދިރާސާއެއް ކަމަށްވާ ފިއުޗާ ކްލައިމެޓް ކޮރަލް ބޭންކް މަޝްރޫއަކީ މި ފަންޑުން އެންމެ ފުރަތަމަ އެހީދޭ މަޝްރޫއު ކަމަށް ވެސް ބުނެފައިވެ އެވެ.

ފިއުޗާ ކްލައިމެޓް ކޮރަލް ބޭންކް މަޝްރޫއުގެ ދަށުން، މޫސުމަށް އަންނަ ބަދަލުތަކާއެކު ވެސް މަރުނުވެ ދިރި ހުރެވޭނެ މުރަކަތައް ދެނެގަނަ، އެފަދަ މުރަކަތަކުގެ ޖީން ރައްކާކޮށް ދެމެހެއްޓުމަށް ދިރާސާއެއް ހަދަ އެވެ. އަދި ކުރިމަގުގައި އެ ޖީން ބޭނުންކޮށްގެން އެފަދަ މުރަކަތައް އާލާ ކުރެވޭނެ ކަމަށް އެ ޖަމިއްޔާއިން ގަބޫލުކުރެ އެވެ.

އެ ބޭންކުން މި މަޝްރޫއަށް އެހީދޭން ނިންމުމުން ތިމާވެއްޓާ ބެހޭ ވަޒީރު އަދި ރައީސް ނަޝީދުގެ ގާތް އެކުވެރިޔާ އައިމިނަތު ޝައުނާ ވަނީ މަރުހަބާ ވިދާޅުވެފަ އެވެ.

ޑޮއިޝޭ ބޭންކުގެ ފުރަތަމަ މަޝްރޫއަކަށް ރައީސް ނަޝީދުގެ ބައިވެރިވުން އޮތް މަޝްރޫއެއް ހިޔާރުކުރުމުން ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން އަންނަނީ ފާޑު ކިޔަމުންނެވެ. މިގޮތުން ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމުގައި މިއަށްވުރެ މާ ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރަމުންދާ ޖަމާޢަތްތައް ތިބިއިރު ނަޝީދަށް މި ފައިސާގެ އެހީ ދޭން އެ ބޭންކުން ނިންމީ ނަޝީދުގެ ނުފޫޒު ބޭނުންކޮށްގެން ކަމަށް ބުނެފައިވެ އެވެ.

ތިމާވެއްޓާއ ގުޅޭ މަޝްރޫއުތަކަށް ހަރަދުކުރުމުގައި ބޭރުގެ މާލީ އިދާރާތަކުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކުރާ މައްސަލަތައް މީގެ ކުރިން ވެސް ވަނީ ފެންމަތިވެފަ އެވެ.