މިދިޔަ އަހަރު ބީޕީޓީ (ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް)ގެ ގޮތުގައި ޓޫރިޒަމް ދާއިރާއިން އެކަނި 905 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ދައުލަތުގެ ޓެކްސް އިދާރާއިން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ޓޫރިޒަމް ދާއިރާއިން މިދިޔަ އަހަރު ބީޕީޓީގެ ގޮތުގައި އެކަނި 905.5 މިލިއަން ރުފިޔާ ދެއްކި އެވެ. 2018 ވަނަ އަހަރު ބީޕީޓީގެ ގޮތުގައި ޓޫރިޒަމް ދާއިރާއިން ދައްކާފައިވަނީ 657.1 މިލިއަން ރުފިޔާ އެވެ.
މިދިޔަ އަހަރު ދެވަނަ އަށް އެންމެ ގިނައިން ބީޕީޓީގެ ގޮތުގައި ދައްކާފައި ވަނީ ހޯސޭލް އަދި ރީޓެއިލް ވިޔަފާރީގެ ދާއިރާއިންނެވެ. އެ ދާއިރާއިން 372.9 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ. އޭގެ އިތުރުން އިންފޮމޭޝަން ކޮމިއުނިކޭޝަން ދާއިރާއިން 282.6 މިލިއަން ރުފިޔާ ދެއްކިއިރު ޓްރާންސްޕޮޓޭޝަން އެންޑް ސްޓޯރޭޖް ދާއިރާއިން 260.1 މިލިއަން ރުފިޔާ އަދި ކޮންސްޓްރަކްޝަން ދާއިރާއިން 92 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ.
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ބީޕީޓީގެ ގޮތުގައި ޖުމްލަ 2.3 ބިލިއަން ރުފިޔާ ދައްކާފައިވެ އެވެ. 2018 ވަނަ އަހަރު ދައްކާފައި ވަނީ 2.1 ބިލިއަން ރުފިޔާ އެވެ.
މީރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިިދިޔަ އަހަރު ޓޫރިޒަމް ދާއިރާއިން ޖީއެސްޓީގެ ގޮތުގައި 327.9 މިލިއަން ޑޮލަރު (ފަސް ބިލިއަން ރުފިޔާ) ދައްކާފައިވެ އެވެ. ޓޫރިޒަމް ޖީއެސްޓީ މިދިޔަ އަހަރު އެންމެ ގިނައިން ދެއްކީ މާލެ އަތޮޅުންނެވެ. އެ އަތޮޅުން 124.9 މިލިއަން ޑޮލަރު ދައްކާފައިވެ އެވެ.
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން 2018 ވަނަ އަހަރު ޓީޖީއެސްޓީގެ ގޮތުގައި ދައްކާފައި ވަނީ 302.8 މިލިއަން ޑޮލަރެވެ.