ދިވެހި އަދަބިއްޔާތަށާއި ދިވެހި ފިލްމީ ދާއިރާއަށް ވެސް ގިނަގުނަ ހިދުމަތްތަކެއް ކުރައްވާފައިވާ ކޮޕީ މުހައްމަދު ރަޝީދު އަވަހާރަވެއްޖެ އެވެ.

ކޮޕީ ރަޝީދު އަވަހާރަވީ، ހާލު ސީރިއަސްވެ، ފަރުވާ ދެމުންގެންދަނިކޮށް މިރޭ އޭޑީކޭ ހޮސްޕިޓަލުގަ އެވެ. ކޮޕީ ރަޝީދު ނިޔާވި އިރު އުމުރަކީ 72 އަހަރެވެ.

ކޮޕީ ރަޝީދަކީ، އަރަބި ތާނަ ލިޔުމާއި ޅެން ހެދުމުގެ ރޮނގުން ދިވެހި އަދަބިއްޔާތަށް ގިނަ ހިދްމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ކުރެެވި ހިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ސަރުކާރުން ވަނީ ތިން ފަހަރެއްގެ މަތިން އާންމު ހިދުމަތުގެ އިނާމު އޭނާއަށް ދީފަ އެވެ.

އެގޮތުން، 1984 ވަނަ އަހަރު ތަމްސީލު ކުޅުމުގެ ރޮނގުން އާންމު ހިދުމަތުގެ އިނާމު ދީފައި ވާއިރު، 1988 ވަނަ އަހަރު ތާނަ އަރަބި ލިޔުމުގެ ރޮނގުން އިނާމު ވަނީ ދީފަ އެވެ. އަދި 2005 ވަނަ އަހަރު ދިވެހި އަދަބިއްޔާތަށް ހިދުމަތް ކުރުމުގެ ދާއިރާއިން ޅެންހެދުމުގެ ރޮނގުން އޭނާއަށް ވަނީ އާންމު ހިދުމަތުގެ އިނާމު ދީފަ އެވެ.

ކޮޕީ ރަޝީދަކީ، ރާއްޖޭގައި ކުރިން ނެރުނު ބައެއް ނޫސް މަޖައްލާތަކުގައި، ޅެން ޝާއިއުކުރައްވަމުން ގެންދެވި ބޭފުޅެކެވެ. ދުވަހު ނޫސް "މޫންލައިޓް" އާއި، "އެކުވެރިންގެ ރޫޙު" މަޖައްލާގައި ޝާއިއު ކުރައްވާފައިވާ ޅެންތަކުގެ އިތުރުން ފަތްތޫރައިގައި ވެސް، އޭނާގެ ޅެންތައް ޝާއިއު ކުރައްވާފައިވެ އެވެ.

މީގެ އިތުރުން ކޮޮޕީ ރަޝީދަކީ، މަދަރުސާ ކުދިންގެ ލަވަމުބާރާތްތަކަށާއި، ލަވަ އަލްބަމްތަކަށާއި، ގައުމީ މުނާސަބަތުތަކަށާއި، އެކިއެކި ހާއްސަ ހަފްލާތަކަށް ގިނަ އަދަދަކަށް ލަވަ ވެސް ހައްދަވައިދެއްވާފައިވާ ބޭފުޅެކެވެ. އަދި ކޮޕީ ރަޝީދުގެ އަމިއްލަ ލަވަ ހިމެނޭ 11 ލަވަ އަލްބަމް ނެރުއްވާފައިވާއިރު، މީގެތެރޭގައި މަދަހަ އަލްބަމެއް ވެސް ހިމެނެ އެވެ. މީގެ އިތުރުން، "ފާގަތި ހަޔާތެއް ހޯދުން" މި ނަމުގަ އާއި، "5 ބަތަލުން" މިނަމުގައި ވެސް ކޮޕީ ރަޝީދު ލިޔުއްވާފައިވާ ދެ ޅެންފޮތް ވެސް ޝާއިއުކުރައްވާފައިވެ އެވެ.

ކޮޕީ ރަޝީދު ވަނީ ގިނަ ތަމްސީލުތަކެއް ވެސް ކުޅުއްވާފަ އެވެ. އޭނާއަކީ ތަމްސީލުކުޅުމުގެ އިތުރުން ރީތިކޮށް ތާނަ ލިޔުއްވުމުގައި ޚާއްސަކޮށް ބޮޑު އަކުރު ކުރެއްވުމުގައިވެސް ފާހަގަކޮށްލެވޭ މޮޅު ލިޔުންތެރިއެކެވެ.