ދާރުއްސަލާމް (11 ނޮވެމްބަރު) - ދާރުއްސަލާމްގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓް ހުޅުވަން އެ ގައުމަށް އިޒްރޭލުގެ ހުއްދަ ހޯދަން ނުޖެހޭ ކަމަށް ފަލަސްތީނުގެ ބޮޑުވަޒީރު މުހައްމަދު ޝައްޔާހު ވިދާޅުވެއްޖެ އެވެ.

ރައީސް ޖޯ ބައިޑަންގެ ސަރުކާރުން ވަނީ ދާރުއްސަލާމްގައި ހުންނަ އެމެރިކާގެ ޑިޕްލޮމެޓިކް މިޝަން އަލުން ހުޅުވުމަށް ނިންމާފަ އެވެ. މި ކޮންސިއުލޭޓްއަކީ ފަލަސްތީނުގެ ކަންކަން ނިންމާ ކޮންސިއުލޭޓަކަށް ވީއިރު އެގައުމުގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ވަނީ ދާރުއްސަލާމަކީ އިޒްރޭލުގެ ބިމެއް ކަމަށް ނިންމާ އެ ކޮންސިއުލޭޓް ބަންދުކޮށްފަ އެވެ.

ހުޅަނގު އައްސޭރީގެ ރާމައްލާގައި ހުންނަވާ ބޭރުގެ މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ޝައްޔާހު ވިދާޅުވެފައިވަނީ ދާރުއްސަލާމްގައި ކޮންސިއުލޭޓެއް ހުޅުވުމަށް އެމެރިކާއަށް އެއްވެސް ފަރާތެއްގެ ހުއްދަ ބޭނުން ނުވާ ކަމަށެވެ.

ޝައްޔާހު މިހެން ވިދާޅުވެފައިވަނީ ދާރުއްސަލާމްގައި އެމެރިކާގެ އިތުރު ކޮންސިއުލޭޓެއް ހުޅުވުމަށް ޖާގައެއް ނެތް ކަމަށާއި އެކަން ކުރަން އުޅެެފިނަމަ އޭނާގެ ސަރުކާރުން އެކަމާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް ބުނެފައި ވަނިކޮށެވެ.

ހަމަ އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އިޒްރޭލުގެ ފޮރިން މިނިސްޓަރު ޔަސިރް ލަޕިޑް ބުނެފައިވަނީ އެމެރިކާގެ ކޮންސިއުލޭޓް ރާމަﷲގައި ހުޅުވުމަށް އިޒްރޭލުގެ އެއްވެސް އިއުތިރާޒެއް ނެތް ކަމަށް ބުނެފަ އެވެ. ނަމަވެސް ރާމަﷲއަކީ ދާރުއްސަލާމް ނޫން ކަމަށާއި އެއީ ފަލަސްތީނުގެ ވެރިރަށް ނޫން ކަމަށް ބުނެ ޝައްޔާހު ވަނީ ލަޕިޑްއަށް ރައްދު ދެއްވާފަ އެވެ.

ޝައްޔާހު ވަނީ ދާރުއްސަލާމްގައި އެމެރިކާގެ ކޮންސިއުލޭޓް ހުޅުވަން އެގައުމުން ވީ ވައުދު ފުއްދާނެ ކަމަށް އުއްމީދުކުރާ ކަމަށް ވިދާޅުވެ އެ މަސައްކަތް އަވަސް ކުރުމަށް އެމެރިކާއަށް ގޮވާލާފަ އެވެ. -- އަލް އަރަބިއްޔާ