މިދިޔަ މޭ މަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްގެން ދިން ހަމަލާއާ ގުޅޭ ކަންކަމުގައި މަސައްކަތް ކުރެއްވުމަށް އެ މަނިކުފާނު އައްޔަން ކުރެއްވި އިނގިރޭސި ވިލާތުގެ ވަކީލު، ކާސްޓީ ބްރިމިލޯ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ މިއަދު ބައްދަލުކުރައްވައިފި އެވެ.

މުލިއާގޭގައި ރައީސް ސޯލިހާއެކު ބޭއްވި އެ ބައްދަލުކުރެއްވުމަށް ފަހު ބްރިމްލޯ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހާ މަޝްވަރާކުރެއްވީ ދިވެހި ރައްޔިތުންނާއި އޭނާގެ މުވައްކިލު ނަޝީދުއާ ދެކޮޅަށް ހިންގާ ޓެރަރިޒަމްގެ އަމަލުތަކާ ގުޅޭގޮތުންނާއި، މެއި 6 ގައި ރައީސް ނަޝީދު އަވަހާރަކޮށްލަށް ދިން ހަމަލާއާ ގުޅޭ ގޮތުން ކަމަށެވެ.

ނަޝީދަށް ދިން ހަމަލާގެ ތަހުގީގުގެ ކަންތައްތައް ގާތުން ބައްލަވައި، އެ ތަހުގީގަށް އެހީތެރިވުމަށް ނަޝީދުގެ ފަރާތުން ކްއީންސް ކައުންސެލް އޮފް ޑައުޓީ ސްޓްރީޓް (ކިއޫސީ އޮފް ޑައުޓީ ސްޓްރީޓް) ކާސްޓީ ބްރިމިލޯ އައްޔަން ކުރެއްވީ ހަމަލާގައި އެ މަނިކުފާނަށް ލިބުނު އަނިޔާތަކަށް ޖަރުމަނުގައި ފަރުވާ ހޯއްދެވުމަށް ފަހު، އިނގިރޭސިވިލާތަށް ވަޑައިގެން ހުންނަވަ އެވެ.

ނަޝީދު އަވަހާރަކޮށްލަން މިދިޔަ މޭމަހުގެ ހަވަނަ ދުވަހު ދިން ބޮމުގެ ހަމަލާގައި އެ މަނިކުފާނު ވަރަށް ބޮޑަށް ޒަހަމްވި އެވެ. ހަމަލާއަށް ފަހު ރާއްޖޭން ފަރުވާ ހޯއްދެވުމަށް ފަހު އިތުރު ފަރުވާއަށް އެމަނިކުފާނު ވަޑައިގެންނެވީ ޖަރުމަނަށެވެ. އޭގެ ފަހުން އިނގިރޭސިވިލާތުގައި ހުންނެވުމަށް ފަހު، އަނބުރާ ރާއްޖެ ވަޑައިގަތީ މިދިޔަ މަހުގެ 11 ވަނަ ދުވަހު އެވެ. ނަޝީދު ވަޑައިގެންނެވުމާއެކު، އެމަނިކުފާނުގެ ސަލާމަތީ ކަންކަން ވަނީ ވަރުގަދަ ކޮށްފަ އެވެ. ނަމަވެސް މި ވަގުތު ހުންނެވީ ރާއްޖޭން ބޭރުގަ އެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް ވަނީ 10 މީހަކު ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ހަމަލާދިނުމުގައި އިސްކޮށް އުޅުނު އަދި ރޭވުމުގައި އިސްކޮށް އުޅުނު މީހުންނާއި، އަމަލީ ގޮތުން ބައިވެރިވި މީހުން ހިމެނެ އެވެ.