ރޫޓު ފިހާރައިން މިދިޔަ އާދީއްތަ ދުވަހު ބޭންކް އޮފް ސިލޯން (ބީއޯސީ)އަށް ޖަމާކުރަން ގެންދިޔަ ފައިސާތައް ފޭރެން އުޅުނު މައްސަލައިގެ ތުހުމަތުގައި ރޭ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެ މީހާ ހައްޔަރުކޮށްފައި ވަނީ ވިލިމާލެއިން ކަމަށް ވެ އެވެ.

އެ ފޭރުން ނާކާމިޔާބުވީ ބޭންކުގެ ސެކިއުރިޓީ ގާޑާއި ފައިސާ ހިފައިގެން ދިޔަ މީހުންގެ ހުށިޔާރުކަމުންނެވެ.

އެ މައްސަލައާ ގުޅޭ އެއްވެސް ތަފުސީލެއް މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

ސިނގިރޭޓް ބަންދުކުރާ ފޮށްޓަކަށް އަޅާފައި ހުރި އެ ފައިސާތަކުގެ އަދަދު ފަސް މިލިއަނަށް އަރާނެ ކަމަށް ބައެއް ފަރާތްތަކުން ބުނެފައިވެ އެވެ.

ފޭރެން މަސައްކަތް ކުރާ މަންޒަރު ފެންނަ ވީޑިއޯ އާންމުވެފައި ވާއިރު، އެ ވީޑިއޯއިން ފެންނަ ގޮތުގައި ފައިސާ ފޮށި ގެނައީ ކުޑަ ވޭނަކަށް އަރުވެގެންނެވެ. އަދި ވޭން ކައިރި ކުރުމާއެކު ދެ ސައިކަލެއްގައި އައި ބަޔަކު ވޭނުގައި އައި މީހުންނަށް ހަމަލާ ދީ، ފައިސާ ފޮށިގަނޑު ފޭރެން މަސައްކަތް ކުރެއެވެ. ބައެއް މީހުން ތިބީ ހެލްމެޓްވެސް އަޅައިގެންނެވެ.