ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅުނު ކަމަށް ތުހުމަތު ކުރެވޭ ގއ. ވިލިނގިލީ، ލައިޓްހައުސް، ޝަހީބު އިބްރާހިމް ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

އޭނާ ބަންދުން ދޫކޮށްލަން މިއަދު އަމުރުކުރީ އެ ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝާދެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޝަހީބު ދޫކޮށްލަން އަމުރުކުރީ އޭނައާ ދެކޮޅަށް މިއަދު އިތުރު ހެކިތަކެއް ހުށަހަޅާފައި ވަނިކޮށް ކަމަށެވެ.

ޝަހީބަކީ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަމިއްލަ ގޮތުން ވިލިނގިލި ދާއިރާއަށް ވާދަކުރެއްވި މީހެކެވެ. މަސްތުވާތަކެތީގެ މައްސަލާގައި އޭނާގެ އިތުރުން އިތުރު ބަޔަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.

ފުލުހުން ބުނީ ޝަހީބަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި އިރާން ބޯޓުގެ މައްސަލައާ ގުޅުން އޮތް ފަރާތެއް ކަމަށެވެ. އަދި މަސްތުވާތަކެތި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހިފެހެއްޓި އިރާން ބޯޓުން ހައްޔަރުކުރި ހަތް މީހުންނާއި ޖާމިނު ވެފައިވަނީ ޝަހީބް ކަމަށް ފުލުހުން ބުންޏެވެ. އަދި އެ މައްސަލާގައި ޝަހީބާ ޖާމިނުކޮށް، އީރާން ހަތް މީހުން ވެސް ކްރިމިނަލް ކޯޓުން ބަންދުން ދޫކޮށްލި ކަމަށް ވެސް ފުލުހުން ބުންޏެވެ.

ޝަހީބު އިސްވެ އީރާނު ބޯޓު މިހާރު ސަފާރީއަކަށް ބަދަލުކުރުމުގެ މަސައްކަތް ކ. ހިންމަފުށީގައި ކުރަމުންދާތީ އެ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.