ނަފުރަތުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް، ގާނޫނުލް އުގޫބާތަށް ބަދަލު ގެންނަން ހުށަހެޅި އިސްލާހުގެ ބިލާއި، އިސްލާމް ދީނަށް ފުރައްސާރަ ކުރުމަކީ ޖިނާއީ ކުށަކަށް ހަދަން ހުށަހެޅި ބިލް އެއްކޮށްލައިގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އެގޮތަށް ފާސްކުރީ 50 މެމްބަރުންގެ ވޯޓާއެކު އެވެ. ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ.

ނަފްރަތުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި ގާނޫނުލް އުގޫބާތަށް ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުތަކާމެދު އެފެދުނު އެންމެ ބޮޑު ކަންބޮޑުވުމަކީ ނަފްރަތުގެ އަމަލަކަށްވާ ސަބަބު ތަފުސީލްވެފައި ނެތުމެވެ.

އެހެންކަމުން ކޮމިޓީން މިހާރު ވަނީ އެކަން ތަފްސީލްކޮށްދީފަ އެވެ. އެގޮތުން އިސްލާމްދީނުގެ އުސޫލުތައް ބަޔާންކޮށްދިނުމަކީ ކުށަކަށް ނުވާނެކަން، ސާފުކޮށް ބަޔާންކުރާ މާއްދާއެއް މިހާރު ވަނީ ބިލަށް އިތުރުކޮށްފަ އެވެ. އެގޮތުން މި ބިލު ތަފްސީލްކުރުމުގެ ގޮތުން ކޮމިޓީން ވަނީ ތަކްފީރުކުރުމަކީ ކޮބައިކަން ވެސް އިތުރަށް ތަފްސީލުކޮށްދީފަ އެވެ. އަދި އެ ބިލުގައި މިހާރު އޮތް ގޮތުން ޖިނާއީ ކުށަކަށް ވާނީ ވަކި ޝަރުތުތަކެއް ހަމަނުވާ ހާލަތްތަކުގައި ކުރާ ތުހުމަތަށް ކަމަށް ބުނެފައިވެ އެވެ.

މީގެ އިތުރުން އިސްލާމްދީނާމެދު މީސްތަކުންގެ މެދުގައި ނަފުރަތު އުފެއްދުމާއި ދީނަށް ފުރައްސާކުރުމާއި ދީނާ ޚިލާފު ވާހަކަ ދެއްކުމަކީ ވެސް ޖިނާއީ ކުށެއްގެގޮތުގައި ކަނޑައަޅައި ގާނޫނުލް އުގޫބާތައް ހުށައެޅި ބިލަށް ވެސް ކޮމިޓީން ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. އަދި އެ ބިލުގައި ވެސް މާއްދާތައް ވަނީ އިތުރަށް ތަފްސީލްކޮށްދީފަ އެވެ.

މިގޮތުން މި ބިލުގައި އިސްމްދީނަށް ތައުހީނުކުރުމުގެ ކުށް މިހާރު މާނަކޮށްފައި ވަނީ މުވާސަލާތީ ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ އެނޫންވެސް ގޮތަކަށް އިސްލާމްދީނަށް ތައުހީނުކުރުމުގެ ނިޔަތުގައި ބަހުން ނުވަތަ އަމަލުން އިސްލާމްދީނާމެދު ދޮގު މައުލޫމާތެއް ފެތުރުން ނުވަތަ އެފަދަ އަމަލެއްގައި ބައިވެރިވުމެވެ.

މި ދެބިލް އެއްކޮށްލައިގެން މަޖިލީހުން ފާސްކޮށްފައިވާއިރު، މި ބިލްތަކާމެދު މެންބަރުންނާއި އާންމުންގެ ކަންބޮޑުވުންތަކަށް ވަނީ ރިޔާއަތްކޮށްފަ އެވެ. އެގޮތުން ބަންޑާރަނާއިބާ ބައްދަލުކުރައްވައި ޚިޔާލު ހޯއްދަވައި އިސްލާހުތަކެއް ގެނެސްފައިވެ އެވެ.