ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގުކުރައްވައިފި އެވެ.

މި ބިލަކީ ރާއްޖޭގައި ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާއި ކުއްޔަށްހިފުމާ ގުޅޭގޮތުން ކުއްޔަށްހިފާ ފަރާތާއި، ކުއްޔަށްދޭ ފަރާތުގެ ހައްގުތަކާއި އިލްތިޒާމްތައް ބަޔާންކުރުމާއި، ދިރިއުޅުމަށްޓަކައި ކުއްޔަށްދޭ ތަންތަނުގައި ހުންނަންޖެހޭނެ އަސާސީ މިންގަނޑުތައް ކަނޑައެޅުމާއި، ކުލީގެ މުއާމަލާތްތަކާ ގުޅިގެން އުފެދޭ ދެބަސްވުންތައް ހައްލުކުރުމުގައި އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމުގެ ބިލެކެވެ.

މި ބިލުގެ މަގްސަދުތަކުގެ ތެރޭގައި ކުއްޔަށް ހިފާ ފަރާތާ ކުއްޔަށްދޭ ފަރާތުގެ ހައްގުތައް ބަޔާންކުރުމާއި ދިރިއުޅުމަށްޓަކައި ކުއްޔަށްދޭ ތަންތަނުގައި ހުންނަން ޖެހޭނެ އަސާސީ މިންގަނޑުތައް ކަނޑައެޅުމާއި ދިރިއުޅުމަށް ގޯތިގެދޮރު ކުއްޔަށްދިނުމުގައި އަމަލުކުރަންޖެހޭނެ އުސޫލުތައް ކަނޑައެޅުން ހިމެނެ އެވެ.

މީގެ އިތުރުން ދިރިއުޅުމަށްޓަކައި ކުއްޔަށްދޭ ތަންތަނާއި، އެ ތަންތަނުގެ ކުއްޔާއި، އެ ތަންތަނުގެ ހާލަތާ ގުޅިގެން، ނުވަތަ އެނޫންވެސް ކަމަކާ ގުޅިގެން އުފެދޭ މައްސަލަތަކާއި ސަކުވާތައް އަވަސް ގޮތެއްގައި ބަލައި ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމުކުރުން ވެސް މި ބިލުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެ އެވެ.

މިބިލު ހިންގޭނެ ދާއިރާތަކަކީ ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމުގައި އަމިއްލަ ފަރާތްތަކުގެ މެދުގައި ކުރެވޭ މުއާމަލާތްތަކުގެ މައްޗަށާއި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ ދަށުން އެކި ފަރާތްތަކާ ހަވާލުކުރެވޭ ތަންތަނާގުޅޭ މުއާމަލާތްތަކުގެ މައްޗަށްކަމުގައި ބިލުގައި ބަޔާންކޮށްފައިވެ އެވެ.

ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ބިލު ރައީސް ސޯލިހު މިއަދު ތަސްދީގުކުރެއްވުމާ ގުޅިގެން މި ގާނޫނު ވަނީ ގެޒެޓްގައި ޝާއިއުކުރައްވާފަ އެވެ.

މި ގާނޫނަށް އަމަލުކުރަން ފެށުމަށް ކަނޑައަޅާފައި ވަނީ މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީހުން ފެށިގެންނެވެ.

މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނުގެ 28 ވަނަ މާއްދާ އާއި "ގޯއްޗާއި ގޯތީގައި ހަދާ އިމާރާތް ކުއްޔަށް ދިނުމާބެހޭ ގަވާއިދު" ގައި ދިރިއުޅުމަށް ކުއްޔަށްދިނުމާ ގުޅޭގޮތުން ހިމަނާފައިވާ އެންމެހައި މާއްދާތައް އުވިގެންދާނެ އެވެ.