ސިވިލް ސާވިސްގައި ހުސްވާ މަގާމުތަކަށް މުވައްޒަފުން ނެގުމުގައި ފިނޭންސް މިނިސްޓްރީއިން ހުއްދަ ހޯދަން ޖެހޭ އުސޫލު އުވާލައިފި އެވެ.
ސިވިލް ސާވިސްގެ އިދާރާތަކުން ހުސްވާ މަގާމުތަކަށް މުވައްޒަފުން އައްޔަންކުރަން ހުށަހެޅުމުގައި ފިނޭންސް މިނިސްޓްރީގެ ހުއްދަ ނަގަން ޖެހޭ ގޮތަށް ބަދަލު ގެނައީ ކޮވިޑާ ގުޅިގެން އިގްތިސާދަށް އައި ހީނަރުކަމުގެ ސަބަބުން ހަރަދު ކުޑަކުރުމުގެ މަގްސަދުގަ އެވެ.
އެ އުސޫލް އުވާލައި ސިވިލް ސާވިސް ކޮމިޝަނުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ފިނޭންސް މިނިސްޓްރީގެ މާލިއްޔަތާ ބެހޭ ސާކިއުލާ އިން، ސިވިލް ސާވިސްގެ އިދާރާތަކުން ހުސްވާ މަގާމުތަކަށް މުވައްޒަފުން ނެގުމުގައި މިހާރު އަމަލުކުރަމުންދާ އުސޫލު ބަދަލުކޮށް، ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދުމުގެ ބަދަލުގައި، ބަނޑޭރި ޕޯޓަލްގެ ތެރެއިން އެ އިދާރާއެއްގެ ނުވަތަ ދާއިރާގެ ފައިނޭންސް އެގްޒެކެޓިވްގެ ހުއްދައާއެކު މުވައްޒަފުން ނެގުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް އަންގަވާފައިވާ ކަމަށެވެ.
އިއްޔެއިން ފެށިގެން، މާލިއްޔަތާބެހޭ ސާކިއުލާގައިވާ މިންގަނޑަށް ފެތޭ މަގާމުތަކަށް މީހުން ހަމަޖެއްސުމަށް ކޮމިޝަނަށް ހުށަހެޅުމުގައި ފިނޭންސް މިނިސްޓްރީގެ ހުއްދަ ހުށަހަޅަން ނުޖެހޭނެ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.
ސިވިލް ސާވިސް ކޮމިޝަނުން ބުނީ މިއަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ސިވިލް ސާވިސްގެ އިދާރާތަކުން ހުސްވެފައިވާ ނުވަތަ ހުސްވާ މަގާމުތަކަށް މުވައްޒަފުން ނެގުމުގައި، ހަވާލާދެވުނު ފިނޭންސް މިނިސްޓްރީގެ މާލިއްޔަތާބެހޭ ސާކިއުލާގައިވާ މިންގަނޑަށް ފެތޭ މަގާމުތަކަށް، އެ ސާކިއުލާގައިވާ ގޮތަށް އަމަލުކޮށް، ވަޒީފާ ހަމަޖެއްސުމަށް ސީއެސް ވިއުގަ މެދުވެރިކޮށް ސިވިލް ސާވިސް ކޮމިޝަނަށް ހުށަހެޅުމުގައި، ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ފައިނޭންސް އެގްޒެކެޓިވް ދެއްވާފައިވާ ހުއްދައިގެ ސްކްރީން ސޮޓެއް ހިމެނުއްވުމަށް އެދޭ ކަމަށެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ސިވިލް ސާވިސްގެ އިތުރު މަގާމުތައް އުފެއްދުމަށާއި ހުސްވެފައިވާ މަގާމުތަކަށް މުވައްޒަފުން ނެގުމަށް ފުރުސަތު ދީ އެ މަގާމުތަކުގެ މުސާރަ އަށާއި ހިދުމަތްތައް ހަރުދަނާކުރުމަށް 622.6 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.
އަންނަ އަހަރު ހުސްވެފައިވާ މަގާމުތަކަށާއި އަލަށް އުފައްދާ މަގާމުތަކަށް 3،244 މުވައްޒަފުން ނެގުމަށް ހަމަޖެހިފައިވެ އެވެ.
އަހަރުގެ ބަޖެޓުގައި ދައުލަތުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް 9.7 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
މި ހިނގާ އަހަރުގެ ބަޖެޓުގައި ދައުލަތުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތުގެ ގޮތުގައި ހަރަދުވާނެ ކަމަށް ލަފާކޮށްފައިވަނީ 8.6 ބިލިއަން ރުފިޔާ އެވެ.