މިދިޔަ ތިން އަހަރުގެ ތެރޭގައި، ރާއްޖޭގެ ތައުލީމީ ދާއިރާއަށް އިންގލާބީ ބަދަލުތަކެއް ގެނެވިއްޖެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ 2019 ވަނަ އަހަރުގެ ސާނަވީ ތައުލީމު ނިންމާ އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ދިނުމަށް ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސޯލިހު ވިދާޅުވީ ވޭތުވެދިޔަ ތިން އަހަރު ދުވަހު ތެރޭގައި ރާއްޖޭގައި ތިބެގެން ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމަށް ހުޅުވައިލި ފުރުސަތު ހުޅުވާލުމުން މިހާރުވެސް ގިނަ ދަރިވަރުންތަކެއް ކިޔަވަމުން އަންނަ ކަމަށެވެ. އަދި މިސަރުކާރުން ފެށި ހެނދުނުގެ ނާސްތާ ޕްރޮގްރާމަކީ، ދަރިވަރުންގެ ހަށިހެޔޮކަމާއި ދުޅަހެޔޮކަމަށްޓަކައި ކުރަން ފެށި، ވަރަށް މުހިންމު މަސައްކަތެއް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

"ކޯވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން މިވަގުތު މަޑުޖައްސާލައިފައި އޮތަސް، އެކަމަށް ބޭނުންޖެހިފައި ތިބި 600 އަށްވުރެ ގިނަ ދަރިވަރުންނަށް މިހާރުވެސް ހެނދުނުގެ ނާސްތާ އެބަ ދެވޭ. ދަރިވަރުންގެ ސްކޫލް މަރުޙަލާގައި ޞިއްޙީ ދުޅަހެޔޮކަން ކަށަވަރުކުރުމަކީ، ސަރުކާރުން ކުރަންޖެހޭނެ ކަމެއް ކަމަށް އަޅުގަނޑު ޤަބޫލުކުރަން. 2019 ވަނަ އަހަރު ފެށި އިންޓަރގްރޭޓެޑް ހެލްތު ސްކްރީނިންގ ޕްރޮގްރާމުން އެކަން ޙާޞިލް ކުރެވޭނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއްކަން ފާހަގަ ކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ ސަރުކާރުން އުފައްދާފަ އިވާޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަންގެ ފަރާތުން އެކަމުގައި ވަރަށް މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ތައުލީމުގެ ޤާނޫނަކަށް އަމަލުކުރަން ފެށިކަން ފާހަގަ ކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އުނގެނުމުގެ ހައްގު އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށް އިތުރަށް މަގުފަހިވެގެންދާނެ ކަމަށެވެ. އަދި އެއްވެސް ތަފާތުކުރުމެއްނެތި، ފެންވަރު ރަނގަޅު ތައުލީމާއި ތަމްރީނުދީ، އިސްލާމީ އަގީދާއާއި، އިސްލާމީ ތަރުބިއްޔަތު ދެވޭނެ މާހައުލެއް ގާއިމުކޮށްދިނުމަކީ ވެސް މި ގާނޫނުގެ ވަރަށް މުހިންމު މަގްސަދެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މިއަހަރުގެ ތެރޭގައި ވެސް ސެޓެލައިޓް ސްކޫލުތަކެއް ތައާރަފުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެގޮތުން ބ. އަތޮޅު ފެހެންދުއާއި، ވ. ތިނަދުއާއި، އެ އަތޮޅު ރަކީދޫގައި ސެޓެލައިޓް ސްކޫލު ގާއިމް ކުރެވިގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އޭރުން އެ ތިން ރަށުގެ ދަރިވަރުން، ކިޔެވުމަށްޓަކައި ފެރީއެއްގައި އެހެން ރަށަކަށް ދިޔުމަށްޓަކައި އުފުލަންޖެހޭ ބުރަ ފިލައިގެންދާނެ. އެ ތިން ރަށުގެ ދަރިވަރުންނަށް ކިޔަވައިދޭނީ، މާލޭގެ ހުރަވީ ސްކޫލްގައި ޤާއިމުކޮށްފައި ހުންނަ ސެޓެލައިޓް ހަބްގައި ތިއްބަވާ ޓީޗަރުން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

މިފަދަ މުހިންމު ބަދަލުތައް ތައުލީމީ ދާއިރާއަށް ގެނައުމުގެ ބޭނުމަކީ، ގައުމު ތަރައްގީ ކުރާނެ މީހުން ބިނާކުރުން ކަމަށް ރައީސް ފާހަގަ ކުރެއްވި އެވެ. ރައީސް ވިދާޅުވި ގައުމު ތަރައްގީ ކުރާނެ ގޮތުގެ ވިސްނުން ސިކުނޑީގައި އުފެއްދޭފަދަ، އިލްމީ އަދި ޖިސްމާނީ ގާބިލްކަން ދަރިންނަށް ހޯދައިދިނުން ކަމަށެވެ.