ހޯރަފުށީގެ މަގުހެދުމުގެ މަޝްރޫއު މިއަދު އިފްތިތާހު ކޮށްދެއްވައިފި އެވެ.

މިއަދު ހެނދުނު ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތުގައި މި މަސްރޫއު އިފްތިތާހްކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމް އެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނައިބް ރައީސް ފައިސަލް ވިދާޅުވީ މި ސަރުކާރުން ރައްޔިތުންނަށް ބޭނުންވާ ތަރައްގީގެ މަސްރޫއުތައް ކުރިޔަށްގެންދިއުމުގައި ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތު ނުކުރައްވާ މަސްރޫއުތައް ކުރިޔަށް ގެންދަވާނެ ކަމަށެވެ.

އޭގެ އިތުރުން ކޮވިޑް 19ގެ ދަތިކަމުގެ ތެރޭގައިވެސް ރައީސް ސޯލިހު ބެއްލެވީ ކަންކަން މެނޭޖްކުރައްވައިގެން، ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދެއްވުމަށްކަން ނައިބު ރައީސް ފާހަގަކުރެއްވި އެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ފާއިތުވެދިޔަ ތިން އަހަރަކީ މީގެ ކުރިން ދުވަހަކުވެސް ނުހިންގާހާ ގިނަ ތަރައްގީގެ މަސްރޫއުތައް ހިންގާފައިވާ ތިން އަހަރުކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މިގޮތުން ނައިބު ރައީސް ފައިސަލް ވަނީ އެމްޓީސީއާއި ފެނަކައިން އިން ކުރިޔަށްގެންދާ ޕްރޮޖެކްޓްތަކަށް ބެލިނަމަވެސް ނުވަތަ ތައުލީމީ ދާއިރާ އަދި ސިއްޙީ ދާއިރާއަށް ބެލިނަމަވެސް މި ސަރުކާރުން ތަރައްގީގެ ގިނަ މަސްރޫއުތަކެއް ކުރިޔަށްގެންދާތަން ފެނިގެންދާނެ ކަމުގައި ވިދާޅުވި އެވެ. ހަމަ އެހެންމެ ރަނގަޅު ޖީލެއް އުފެއްދުމަށްޓަކައި ޒުވާނުންނަށް އަމާޒުކޮށް ކޮންމެރަށެއްގައިހެން މަސްރޫއުތައް ހިންގަމުން ގެންދާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ނައިބު ރައީސް ވިދާޅުވީ މީގެ ތިން އަހަރު ކުރިޔާ ހިލާފަށް މި ސަރުކާރުން ރައްޔިތުންނަށް ބަސްބުނެ އުޅުމާއި ހިޔާލުފާޅުކޮށް އުޅުމުގެ މިނިވަންކަން ކަށަވަރުކޮށްދީ، ރައްޔިތުންނަށް ހަމަޖެހުން ގެނެސްދީފައިވާ ކަމުގަ އެވެ.

ހޯރަފުށީގައި މިއަދު އިފްތިތާހްކުރި މަގުހެދުމުގެ މަސްރޫއު ކުރިޔަށް ގެންދަނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. މި މަސްރޫއުގެ ދަށުން ހޯރަފުށީގެ 11 މަގެއް ތާރުއަޅައި ރަނގަޅު ފެންވަރަށް ހެދުމަށް ހަމަޖެހިފައިވެ އެވެ.

ނައިބު ރައީސް ހއ. އަދި ހދ ގެ ބައެއް ރަށްރަށް ފެއްޓެވި މި ދަތުރުފުޅުގައި މިއަދު ހޯރަފުށްޓަށް ވަޑައިގެންފައިވާއިރު މި ދަތުރުފުޅުގައި ހދ. ނެއްލައިދުއާއި ވައިކަރަދޫގެ އިތުރުން ކުޅުދުއްފުށި ސިޓީއަށް އެމަނިކުފާނު ވަޑައިގަންނަވާނެ އެވެ.