ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އއ. އުކުޅަހުގައި ސެލްފް ސާވިސް ބޭންކިން ސެންޓަރެއް ހުޅުވައި މިއަދު ހިދުމަތް ދޭން ފަށައިފި އެވެ.

ބީއެމްއެލް އިން ބުނީ އަތޮޅުތެރޭގައި ކުރަމުންދާ އިންވެސްޓްމަންޓް އިތުރަށް ފުޅާކުރުމުގެ ގޮތުންނާއި މުޖުތަމައަށް ފޯރުކޮށްދޭ އެހީތެރިކަމުގެ ދަށުން ހެދި އޭޓީއެމް ސެންޓަރު މެދުވެރިކޮށް ފައިސާ ނެގުމުގެ އިތުރުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބޭނެ ކަމަށެވެ.

އެ ބޭންކުން ބުނީ އެ ހިދުމަތާއެކު އއ. އަތޮޅުގައި ބީއެމްއެލް އިން އޭޓީއެމްގެ ޚިދުމަތް ތިން ރަށަކުން ލިބޭނެ ކަމަށެވެ. މީގެ އިތުރުން ބޭންކުން އަންނަނީ ރަސްދޫގައި ބްރާންޗްގެ ހިދުމަތް ފޯރުކޮށްދެމުން ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.

ބީއެމްއެލް އިން ބުނީ 24 ގަޑިއިރު ހިދުމަތް ދޭ އެ ސެންޓަރުގައި އެންމެ ޒަމާނީ ހިދުމަތްތައް އެކުލެވިގެންވާ އޭޓީއެމް އެއް ބަހައްޓާފައިވާ ކަމަށެވެ.

"ކަސްޓަމަރުންނަށް އަމިއްލަ ރަށުގައި ތިބެ ފަސޭހަކަމާއެކު ފައިސާގެ މުއާމަލާތްކުރުމާއި ކޮންމެ ވަގުތަކު ފަސޭހަކަމާއެކު ބޭންކިން ހިދުމަތް ހޯދުމުގެ ފުރުސަތު އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ފަހިކުރުމަށް ބޭންކުން އަންނަނީ މެދު ކެނޑުމެއްނެތި މަސައްކަތްކުރަމުން،" އެ ބޭންކުން ބުންޏެވެ.

އއ. އުކުޅަހުގައި ބީއެމްއެލްއިން ގާއިމުކުރި ސެލްފް ސާވިސް ސެންޓަރުން މީހަކު ހިދުމަތް ހޯދަނީ. ފޮޓޯ: ބީއެމްއެލް

ބީއެމްއެލް އިން ވަނީ ދާދި ފަހުން ބީއެމްއެލް އިން ވަނީ ނ. ކެނދިކުޅުދޫ، ތ. ތިމަރަފުށި އަދި އއ. ތޮއްޑޫގައި ވެސް އޭޓީއެމް ބަހައްޓައި ހިދުމަތް ދޭން ފަށާފަ އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 62 ސެލްފްސާވިސް ބޭންކިން ސެންޓަރު، 125 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ބުންޏެވެ.