ސިފައިންގެ މީހަކު ރަހީނުކޮށްފައިވަނީ މީހުން ރަހީނުކޮށްގެން ފައިސާ ހޯދާ ބޮޑު "ނެޓްވޯކަކުން" ކަން ހާމަވެއްޖެ އެވެ.

"ހުރިހާ" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިދިޔަ ހަފްތާގައި ރަހީނު ކޮށްފައިވާ ސިފައިންގެ މީހާ ރަހީންކޮށްފައިވަނީ އޮޅުވާލައިގެން ވިލިމާލެއަށް ގެންގޮސް ގެންނެވެ. އެގޮތުން އޭނާ ރަހީނުކޮށް ހުރީ ވިލިމާލޭގައި ހުންނަ ގެސްޓްހައުސެއްގައި އެވެ.

މިދިޔަ ހަފްތާގައި އެމްއެންޑީއެފްގެ ކޯސްޓުގާޑުގައި މަސައްކަތް ކުރާ 37 އަހަރުގެ ހަސަން ފަހީމް މާލޭ މަގުމަތިން ރަހީނުކޮށް އަނިޔާ ކޮށްފައިވާ ކަމަށް އޭނާގެ އާއިލާ އިން ވަނީ ބުނެފަ އެވެ. ރަހީނުކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުގެ ރޭ މާފަންނު އޭސް ހާޑްވެއާ ކައިރީގައި އޮންނަ ގޯޅިގަނޑަކުން ހިނގާފައި ދަނިކޮށް، ފައިސާގެ ބޭނުމުގައި ކަމަށް ވެސް އާއިލާ އިން ބުނެފައިވެ އެވެ. އަދި އާއިލާ އިން މީޑިއާއާ ހިއްސާކުރި ފޮޓޯތަކުން އޭނާއަށް ވަރަށް ބޮޑަށް އަނިޔާކޮށްފައިވާ ތަން ފެނެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފަހީމް ވިލިމާލެއަށް ގެނެގޮސްފައި ވަނީ އޭނާ އެއްވެސް ގުޅުމެއް ނެތް ބަޔަކު ނަމަވެސް އެ މީހުންނާއި ފަހީމް ވަނީ ކޮންމެ ވެސް ވަރަކަށް މުއާމަލާތް ކުރުމަށްފަހު އެވެ. ފަހީމުއަށް އަނިޔާ ކޮށްފައިވަނީ ގެސްޓްހައުސްއަށް ގެންދިޔުމަށް ފަހު އެވެ. އަދި އޭނާ ބަރަހަނާކޮށް، ފޮޓޯ ނަގައި ބްލެކްމެއިލް ކޮށްފައިވާ ކަމަށް ވެސް މައުލޫމާތު ވަނީ ލިބިފަ އެވެ.

މިކަމާ ގުޅޭ ގޮތުން ފުލުހުން ބުނެފައި ވަނީ ސިފައިންގެ މީހަކު މާލޭ މަގުމަތިން ރަހީނު ކޮށްފައިނުވާ ކަމަށެވެ. އެހެން ނަމަވެސް އެފަދަ ހާދިސާއެއް ހިނގައިގެން އުޅޭކަން ދޮގެއް ވެސް ނުކުރެ އެވެ.

ވިލިމާލޭ ގެސްޓްހައުސްއަކަށް ގެންގޮސް ފައިސާ ހޯދަން އުޅުނު މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ. އެ މައްސަލަ އަދިވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.