ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) މެދުވެރިކޮށް ހުޅުމާލޭގައި ކުރިއަށް ގެންދާ ބޯހިޔާވަހިކަން ފޯރުކޮށްދޭން އަޅާ 4،000 ފްލެޓްގެ ބޮޑު ބައި ހާއްސަ ކުރުމަށް ހަމަޖެހިފައިވަނީ މާލޭގެ ރައްޔިތުންނަށް ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ސްޓޭޓް އޯން އެންޓަޕްރައިސަސް ކޮމެޓީ (އެސްއޯއީ) ކޮމިޓީގައި މެމްބަރުން އަމާޒުކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވުމަށް ހައުސިން މިނިސްޓަރު އަސްލަމް ވިދާޅުވީ ފަހި ދިރިއުޅުން ކޯޕަރޭޝަން މެދުވެރިކޮށް އިމާރާތް ކުރަމުން އަންނަ ފުރަތަމަ ފްލެޓްތަކުގެ ބޮޑު ބައި ދޭނީ މާލޭގެ ރައްޔިތުންނާއި ދަފްތަރުގައި 15 އަހަރަށް ވުރެ ގިނަ ދުވަސްވީ މީހުންނަށް ކަމަށެވެ.

ރާއްޖޭގެ އާދަކާދަ ފެށުނީއްސުރެ ވެސް އަމަލުކުރާ ގޮތަކީ އެ ރަށަކަށް އުފަން މީހުންނަށް ބިން ދިނުންކަން ފާހަގަ ކުރައްވަމުން އަސްލަމް ވިދާޅުވީ މާލޭގެ މީހުންނަށް ވެސް އެ އުސޫލުން ބޯހިޔާވަހިކަން ބޭނުންވާ ކަމަށެވެ. އެހެން ނަމަވެސް އެގޮތަށް މާލޭގެ ރައްޔިތުންނަށް ގޯތި ނުލިބޭތީ މާލޭގެ ރައްޔިތުންގެ ޝަކުވާއެއްކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އެފްޑީސީން މިދިޔަ އަހަރު ތެރޭގައި ވަނީ ސައިނޯ ހައިޑްރޯ ގްލޯބަލް ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން 1،700 ހައުސިން ޔުނިޓުގެ މަސައްކަތް ފަށާފަ އެވެ.

މީގެ އިތުރުން ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި 2،000 ހައުސިން ޔުނިޓް އިމާރާރް ކުރަން އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއާ ވަނީ ހަވާލުކޮށްފަ އެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ އިންޖިނިއަރިން ޕްރޮކިއޯމަންޓް އެންޑް ކޮންސްޓްރަކްޝަން (އީޕީސީ) އާއި އަޝޯކާ ބިލްޑްކޮން ލިމިޓެޑާ ދެމެދު ވެސް މަޝްރޫއެއްގައި ސޮއިކޮށްފަ އެވެ. މިކޮންޓްރެކްޓުގެ ދަށުން 2،000 ހައުސިން ޔުނިޓް އިމާރާތް ކުރާނެ އެވެ.