ކަނޑުގެ ޤާނޫނާ ބެހޭ ޓްރައިބިއުނަލަށް މޮރިޝަސް އިން ހުށަހަޅާފައިވާ މައްސަލައަށް ރާއްޖެއިން ޖަވާބު ދީފި އެވެ.

މިއީ އައްޑޫގެ ދެކުނުން ރާއްޖޭގެ އިކޮނޮމިކް ޒޯން، މޮރިޝަސްގެ ދަށުގައި އޮންނަ ޗާގޯސް އާކިޕެލާގޯގެ ކަނޑުގެ ސަރަހައްދާ ފުށުއަރާ ކަމަށް ބުނެ ކަނޑުގެ ގާނޫނާ ބެހޭ ބައިނަލްއަގުވާމީ ޓްރައިބިއުނަލަށް 2019 ވަނަ އަހަރު އެ ގައުމުން ހުށަހެޅި މައްސަލައެކެވެ.

އެޓާނީ ޖެނެރަލް އޮފީހުން ބުނީ މި މައްސަލަ އުފަންވީ މީގެ އެތައް އަހަރުތަކެއް ކުރިން އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު އުފެދިފައިވާ މައްސަލައަކުން ކަމަށެވެ. އަދި މިހާތަނަށް ވެސް ހައްލުކުރެވިފައިނުވާ މި މައްސަލަ ބައިނަލްއަގްވާމީ ކަނޑުތަކާބެހޭ ޓްރައިބިއުނަލްއަށް ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަންގެ މުއާހަދާގެ ދަށުން ވަނީ ހުށަހަޅާފަ އެވެ.

މިއަހަރުގެ ތެރޭގައި ރާއްޖެއިން ފާހަގަކުރި އިޖުރާއީ ނުކުތާއަކާ ގުޅިގެން ވަނީ ޗާގޮސްގެ މައްޗަށް ސިޔާދަތީ ބާރުތައް އޮތް ކަމަށް އިނގިރޭސިވިލާތުން ބުނަމުން ގެންދިޔަ ނަމަވެސް، ކަނޑުގެ ސަރަހައްދުގެ ބައުންޑަރީ ކަނޑައެޅުމުގެ އިހުތިސާސް އެ ޓްރައިބިއުނަލަށް ލިބިގެންވާ ކަން ބަޔާންކޮށްފަ އެވެ.

އޭޖީ އޮފީހުން ބުނީ އެ ނިންމުމާ ގުޅިގެން މިއަހަރުގެ މެއި 25 ވަނަ ދުވަހު މޮރިޝަސްގެ ފަރާތުން ހުށަހެޅިި މައްސަލައަށް މިއަދު ޖަވާބުދާރީވެފައި ވާނެ ކަމަށެވެ. އަދި ރާއްޖޭގެ ފަރާތުން މި މައްސަލައަށް ޖަވާބު ހުށަހަޅާފައި ވަނީ ކަމާގުޅޭ ސަރުކާރުގެ އިދާރާތަކުން މައޫލޫމާތު ހޯދައި ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކޮށްގެންކަން ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

އެ މައްސަލައިގެ އިތުރު އަޑުއެހުމެއް ދެން އޮންނާނީ އަންނަ އަހަރު އެވެ.

އޭޖީ އޮފީހުން ބުނީ މި މައްސަލައަކީ ރާއްޖެ ފަދަ މަސްވެރިކަމަށް ބަރޯސާވާ ގައުމަކަށް މުހިންމު މައްސަލައެއް ކަމަށާއި މި މައްސަލައިގައި ބައިނަލްއަގްވާމީ ހަމަތަކުގެ މަތިން ޓްރައިބިއުނަލްގައި ރާއްޖޭގެ މަސްލަހަތުތައް ދިފާއުކޮށް ރާއްޖެ ތަމްސީލުކުރުމަށްޓަކައި ތައުލީމާއި ތަޖުރިބާހުރި ބައިނަލްއަގްވާމީ ވަކީލުންނާއި ހައިޑްރޯގްރަފީ އަދި ޖިއޮލޮޖީ ދާއިރާގެ ޚަބީރުންގެ މައްޗަށް އެކުލެވޭ ޓީމެއް އެކުލަވާލާފައިވާ ކަމަށެވެ.