އާ ވޭރިއަންޓްގެ ސަބަބުން ފަތުރުވެރިކަމަށް މާ ބޮޑު އަސަރެއް ނުކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ. މައުސޫމް ވިދާޅުވީ ރާއްޖޭގެ ސިއްހީ ނިޒާމު އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށާއި، އާ ވޭރިއަންޓާއެކު ވެސް ފަތުރުވެރިކަމަށް މާބޮޑު ބުރުލެއް ނާރާ ކުރިއަށްދެވޭނެ ކަމުގެ އުއްމީދު އެބައޮތްކަމަށެވެ.

އާ ވޭރިއަންޓް އޮމިކްރޯންއާ ގުޅިގެން ރޭގެ 12:00 އިން ފެށިގެން ރާއްޖެއިންވެސް ވަނީ ފިޔަވަޅު އަޅާފަ އެވެ. އެގޮތުން 7 ގައުމަކުން ރާއްޖެއައުން މަނާކޮށްފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ އެފްރިކާގެ ގައުމުތަކެވެ. މައުސޫމް ވިދާޅުވީ އެ ގައުމުތަކުން އެވަރެޖްކޮށް ރާއްޖެއަށް އަންނަނީ ގިނަވެގެން މަހަކު 1،500 ފަތުރުވެރިން ކަމަށެވެ. އަދި އެއީ ވެސް ވަރަށް ބޮޑު އަދަދެއް ކަމަށާއި ފްލައިޓުތައް އޮޕަރޭޓްކުރަމުން އައިސް، ހުއްޓާނުލައި ކުރިއަށް ގެންދިއުމަކީ ވަރަށް މުހިންމު ކަމަކަށް ވާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތީ ފަތުރުވެރިކަމުގެ އެންމެ ޕީކް ސީޒަން ކަމަށާއި މި ވަގުތު މުޅި އިންޑަސްޓްރީގެ ދުވެލި ރަނގަޅަށް ބެހެއްޓުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

ސައުތު އެފްރިކާ އިން މި ފެނުނު އާ ކޮވިޑު-19 ވޭރިއަންޓާއި ގުޅިގެން ވަރަށް ގިނަ ޤައުމުތަކުން ދަނީ އެ ޤައުމުން ދަތުރު ކުރާ ފަރާތްތަކާއި މެދު މިފަދަ ގިނަ ފިޔަވަޅުތައް އަޅަން ފަށާފަ އެވެ.