މައްސަލަތަކުގައި ފަނޑިޔާރުން ހުކުމް ކުރާއިރު، އެ މައްސަލައެއް ހުކުމާ ހަމައަށް ވާސިލްވި ގޮތް ތަފްސީކޮށް ހުކުމުގައި ބަޔާންކުރުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއް ސުއޫދު އިލްތިމާސް ކުރައްވައިފި އެވެ.
ހުސްނުއް ސުއޫދު މިގޮތަށް ފަނޑިޔާރުންނަށް އިލްތިމާށްކުރެއްވީ ފެމިލީ ކޯޓަށް އަލަށް އައްޔަންކުރެއްވި ދެ ފަނޑިޔާރުން ހުވައި ކުރުމަށް ޖޭއެސްސީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި އިތުރަށް ވާހަކަ ދައްކަވަމުން ފަނޑިޔާރު ސުއޫދު ވިދާޅުވީ ފަނޑިޔާރުން ކުރާ ހުކުމުގައި ބަޔާންކުރާ ވާހަކަތައް މައްސަލަ ރައްދުވާ މީހާއަށް ފަހުމް ނުވުމުގެ ސަބަބުން، ކޯޓަށާއި، ފަނޑިޔާރުންނަށް ކުރާ އިތުބާރު ގެއްލޭ ހިސާބަށް ދާ ކަމަށެވެ. ނަމަވެސް ހުކުމުގައި ތަފްސީލްކޮށް ހުކުމާ ހަމައަށް ވާސިލްވި ގޮތް ބަޔާންކޮށްފިނަމަ، ފަނޑިޔާރުންނަށް ބަދުބަސް ބުނުން ދުރުވެ އިތުބާރު އުފެދޭނެ ކަމަށް ސުއޫދު ވިދާޅުވި އެވެ.
ފެމިލީ ކޯޓަށް ހުށަހެޅޭ މައްސަލަތައް ނިންމުމަށް ގިނަ ދުވަސްތަކެއް ނަގާފައިވާކަން ފާހަގަ ކުރައްވަމުން ސުއޫދު ވިދާޅުވީ އާއިލީ މައްސަލަތައް ނިންމަށް ފަސޭހަ ނުވާނެ ކަމަށެވެ. އަދި އެ މައްސަލަތައް ނިންމުމުގައި ގާނޫނުތަކަށް ވުރެ އެ ބަޔަކު މެދުގައި ސުލްހަވެރިކަމާއެކު ވާހަކަ ދައްކައިގެން އެ މައްސަލަތައް ނިންމުމަށް އިސްކަމެއް ދިނުން މުހިއްމު ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ.
"އާއިލާއާއި ބެހޭ ކޯޓަށް ހުށަހެޅޭ ގިނަ މައްސަލަތަކަކީ އާއިލާގެ މެދުގައި އުފެދޭ ނުވަތަ އިންސާނުންގެ މެދުގައި އުފެދޭ ހިލާފުތަކެއް ނުވަތަ އާއިލީ ގުޅުމަށް ބުރޫއަރައިގެން އުފެދޭ މައްސަަލަތަކެއް. އެފަދަ މައްސަލަތަކަކީ ގާނޫނަކުން ނުވަތަ ހުކުމަކަށް ވުރެ ބޮޑަށް ވާހަކަ ދައްކައިގެން ސުލްހަވެރިކަމާއެކު ހައްލު ހޯދޭނެ މައްސަލަތަކެއް،" ސުއޫދު ވިދާޅުވި އެވެ.
އާއިލާއާއި ބެހޭ ކޯޓަށް އަލަށް އައްޔަންކުރެއްވި ދެ ފަނޑިޔާރުންނަކީ ފަނޑިޔާރު ޒައީމާ ނަޝީދު އަބޫބަކުރާއި، ފަނޑިޔާރު މައީޝާ ޔޫސުފް އެވެ.