ސަރުކާރުގެ ވައުދެއް ކަމަށްވާ މިނީ ބަހުގެ ހިދުމަތް މާލޭގައި ދިނުމަށް ބޭނުންވާ ވަރަށް ބަޖެޓު ނުލިބޭ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވަނީ މިނީ ބަހުގެ ހިދުމަތަކީ މުހިންމު ވައުދެއް ކަން ފާހަގަކުރައްވައި، މިނީ ބަހުގެ ހިދުމަތް ފެށޭނެ ތާރީހަކާ ގުޅޭ ގޮތުން މިނިސްޓަރ ނަހުލާއާ ސުވާލުކުރައްވާފަ އެވެ.

މިނިސްޓަރު ވިދާޅުވީ މާލޭގައި މިނީ ބަހުގެ ހިދުމަތް ދޭން ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި އޮތް ނަމަވެސް އެ ވައުދު ފުއްދުމުގައި ގޮން ޖެހުންތައް ކުރިމަތިވެފައިވާ ކަމަށެވެ. އަދި ޓްރާންސްޕޯޓް މިނިސްޓްރީއާ ހަވާލުކުރި މަަސައްކަތްތަކުގެ ތެރެއިން ހަމައެކަނި ނުވެ އޮތް މަސައްކަތަކީ ވެސް އެ މަސައްކަތް ކަމަށް ނަހުލާ ވިދާޅުވި އެވެ. ވަޒީރު ވިދާޅުވީ އެ ވައުދު ފުއްދުމަށްޓަކައި މިހާތަނަށް ވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި ނަމަވެސް އެއްވެސް ކުރިއެރުމެއް ނުލިބޭ ކަމަށެވެ. އޭގެ ސަބަބަކީ އެކަމަށް ބޭނުންވާ ބަޖެޓް ނުލިބުން ކަމަށް ނަހުލާ ވިދާޅުވި އެވެ.

އަންނަ އަހަރުގެ ބަޖެޓުގައި މިނީ ބަހުގެ ހިދުމަތް ފެށުމަށް 16.9 މިލިއަން ރުފިޔާ ހަމަޖައްސައިފައި ވީނަމަވެސް އެ އަދަދަކީ އެ ހިދުމަތް ފެށޭނެ ވަރަށް ވުރެ މާ ކުޑަ އަދަދެއް ކަމަށް ނަހުލާ ވިދާޅުވި އެވެ.