މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން ރާއްޖެއަށް އައީ މިދިޔަ މަހު ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެ މިނިސްޓްރީން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ރާއްޖެއަށް 144،725 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. މިއީ 2019 ވަނަ އަހަރުގެ އޭޕްރިލް މަހަށް ފަހު އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތްކުރި މަހެވެ.

މިދިޔަ މަހު ރާއްޖެއަށް ޓޫރިސްޓުން އައި އަދަދަކީ ކޮވިޑުގެ ކުރިން 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު އައި 137،921 ފަތުރުވެރިންނާއި އަޅާ ބަލާއިރު، 4.9 ޕަސެންޓް އިތުރު އަދަދެކެވެ.

މިއަހަރުގެ އޮކްޓޫބަރު މަހާ އަޅާ ބަލާއިރު ނޮވެމްބަރު މަހު ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު ވަނީ 1.8 ޕަސެންޓްގެ ކުރިއެރުމެއް ލިބިފަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ 1.162,425 ޓޫރިސްޓުން ޒިޔާރަތްކޮށްފަ އެވެ. ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު އަންނަނީ 4،772 ޓޫރިސްޓުންނެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެންމެ ގިނައިން ޓޫރިސްޓުން އަންނަނީ އިންޑިއާއިންނެވެ. އެގޮތުން އަހަރުގެ މިހާތަނަށް ރާއްޖެ އައި ޓޫރިސްޓުންގެ 22.5 ޕަސެންޓަކީ އިންޑިއާގެ ޓޫރިސްޓުންނެވެ. އަދި ދެވަނައަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައި ވަނީ ރަޝިޔާއިންނެވެ. އެއީ 17.7 ޕަސެންޓެވެ. ތިންވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައީ ޖަރުމަނުންނެވެ. އެއީ 7.2 ޕަސެންޓެވެ.