ނަސްރުގެ ދުވަހާ ދިމާކޮށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަރަށް ހާއްސަ ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ "ބަޑި ބުރާސްފަތީ"ގެ ނަމުގައި އަންނަ ނޮވެމްބަރު ތިންވަނަ ދުވަހުގެ ރޭ ވަރަށް ހާއްސަ ޖަލްސާއެއް ކާނިވާ ސަރަހައްދުގައި އޮންނާނެ ކަމަށެވެ. މި ޖަލްސާ އޮންނާނީ އެ ރޭ 8:00 ގައި ކަމަށް ޝުޖާއު ވިދާޅުވި އެވެ.

ނަސްރު ދުވަހުގެ މުނާސަބާތާ ގުޅިގެން "ބަޑި ބުރާސްފަތި" ގެ ނަމުގައި އިދިކޮޅު ކޯލިޝަނުން މިދިޔަ އަހަރު ވެސް ވަނީ ކާނިވާ ސަރަހައްދުގައި އެއްވުމެއް ބާއްވަފަ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޝުޖާއު ވިދާޅުވީ މި ޖަލްސާ ބޭއްވުމަށް ކަމާބެހޭ ހުރިހާ ވުޒާރާތަކަށް އެކަމުގެ ހުއްދަ ހޯދުމަށް، ކޯލިޝަންގެ ފަރާތުން ސިޓީ ފޮނުވާފައިވާ ކަމަށެވެ. އެގޮތުން ކާނިވާ ސަރަހައްދު ހޯދުމަށް މޭލެ ސިޓީ ކައުންސިލަށް ސިޓީ ފޮނުވާ ކަމަށާއި، އަދި އެޗްޕީއޭގެ ގައިޑްލައިންއާއި އެއްގޮތަށް ގައިދުރުކަން އިހްތިޔާރުކޮށް މި ޖަލްސާ ބޭއްވުމުގެ ހުއްދައަށް އެޗްޕީއޭއަށް އެދިފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.