ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންއެއް ކަމަށްވާ ފައިޒާ ވެކްސިންގެ މުއްދަތު ހަމަވާ ތާރީހު އިތުރުކޮށްފައިވާ ކަމަށް، ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު މިއަދު ވިދާޅުވެއްޖެ އެވެ.

އަތޮޅު ތެރޭގައި މުއްދަތު ހަމަވެފައިވާ ވެކްސިން ޖަހާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަތައް ފެތުރި، އާންމުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، އެޗްއީއޯސީން ވަނީ އެކަން ދޮގުކޮށް އެއަށް ރައްދު ދީފަ އެވެ.

މުއްދަތު ހަމަވެފައިވާ ވެކްސިނެއް ނުޖަހާނެކަން ފާހަގަކުރައްވައި ޑރ. ނަޒްލާ ވިދާޅުވީ ފައިޒާ ވެކްސިން ފުޅީގައި ޖަހާފައިވާ އެކްސްޕައިރީ ޑޭޓް އިތުރު ތިން މަހަށް އިތުރުކޮށްފައިވާ ކަމަށް ބުނެފަ އެވެ.

ފައިޒާ ވެކްސިންގެ މުއްދަތު ހަމަވާ ތާރީހު އިތުރުކޮށްފައިވާކަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ)ން ވެސް އަންގާފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

އެޗްޕީއޭއިން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖެއިން މިހާތަނަށް 396،004 މީހަކު ވަނީ ކޮވިޑްގެ ފުރަތަމަ ޑޯޒް ޖަހާފަ އެވެ. އަދި 364،814 މީހުން ދެވަނަ ޑޯޒް ޖަހާފައިވާއިރު، 16،513 މީހެއް ވަނީ ކޮވިޑުގެ ބޫސްޓާ ޑޯޒް ޖަހާފަ އެވެ. ކޮވިޑުން ދިފާއުވުމަށް ޖަހާ ބޫސްޓާ ޑޯޒްގެ ގޮތުގައި ޖެހުމަށް ހަމަޖެހިފައިވަނީ ފައިޒާ ވެކްސިން އެވެ.