މަސްވެރިންނަށް ހަމައަގު ހޯދައިދޭން އޮތް އެންމެ ބޮޑު ހުރަހަކީ ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ގައުމުތަކަށް ރާއްޖެއިން މަސް އެކްސްޕޯޓްކުރުމަށް ނަގާ ޓެކްސް ކަމަށާއި އެ ޓެކްސް ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.

މި އަހަރުގެ މަސްވެރިންގެ ދުވަހުގު ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ މަސްވެރިންގެ ފޯރަމް އިފްތިތާހުކޮށްދެއްވައި، ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މިވަގުތު ވެސް ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި ހައްލުކުރަންޖެހޭ ގިނަ މައްސަލަތަކެއް ހުރިކަން ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އެގޮތުން މި ސިނާއަތުގައި އެންމެ އިސްކަމެއް ދޭންޖެހޭ ކަމަކީ މަސްވެރިންނަށް ހަމައަގު ހޯދައިދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކަމަށާއި، އެކަމަށް އޮތް ގޮންޖެހުންތަކާއި ކުރަންޖެހޭ މަސައްކަތްތައް ވެސް ގިނަ ކަމަށް ޑރ. ހުސެއިން ވިދާޅުވި އެވެ.

މިއަދުން ފެށިގެން ދެދުވަހުގެ މުއްދަތަށް ގާފަރުގައި ކުރިއަށްދާ މަސްވެރިންގެ ފޯރަމްގައި މިއަދުގެ ސެޝަން މައިގަނޑުގޮތެއްގައި މަޝްވަރާކޮށްފައި ވަނީ މަސްވެރިކަމުގައި ހުރި ގޮންޖެހުން ތަކަށެވެ. މިގޮތުން، މަސްވެރިންނަށް ހަމައަގު ހޯދާ ދިނުމުގައިހުރި ގޮންޖެހުންތަކަށާއި މަތީއަގުލިބޭ ލިބޭ ޕްރިމިއަމް މާކެޓުތަކަށް ރާއްޖޭގެ މަސް ވިއްކުމަށް އޮތް ފުރުސަތު ހަނިވަމުންދާ މައްސަލައިގެ މައްޗަށާއި، ތެލުގެ އަގު އުފުލުމާއި، މަސްވެރިކަން ކުރުމުގެ ޚަރަދު ނިސްބަތުން ބޮޑުވުމުގެ މައްޗަށް ވެސް ވާހަކަދެއްކި އެވެ.

މީގެއިތުރުން މަހުގެ ކޮލިޓީ ނިސްބަތުން އަދިވެސް ދަށްކަމަށާއި މަސްވެރިން ބާނާ މަހުގެ ނިސްބަތުން ބޮޑު މިންވަރެއް، މަތީއަގު ލިބޭ ގޮތަށް ޕްރޮސެސް ނުކޮށް، ރޯ މެޓީރިއަލްގެ ގޮތުގައި އެކްސްޕޯޓް ކުރަން ޖެހިފައިވާ ޖެހުމުގެ މައްޗަށް ވެސް، މިއަދުގެ ފޯރަމްގައި މަޝްވަރާތައް ކުރިއަށް ގެންދިޔަ އެވެ. އަދި ހަމަ ދެމެހެއްޓެނެވި ގޮތުގައި ދޮށިން އަދި އަތުނަނުގައި ބާނާމަހަށް ލިބެމުން އައި ޕްރިމިއަމް އަގު ގެއްލެމުން ދިޔުމާއި، އިންޑިއާ ކަނޑުގައި މަސްވެރިކަން ކުރާ ރާއްޖެއާއި ވާދަވެރި ބައެއް ގައުމުތަކަށް ރާއްޖެއަށް ވުރެ ކުޑައަގެއްގައި އިމްޕޯޓް މާކެޓްތަކަށް މަސްވިއްކޭކަން ފާހަގަކޮށް މަސްވެރިކަން ތަރައްގީކުރުމުގައި އެކަންތައްތަކަށް އަލިއަޅުވާލާނެ ގޮތާއި ގުޅޭގޮތުން މަޝްވަރާކުރި އެވެ.

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މަސްވެރިންނަށް ޚާއްސަކޮށްގެން މިފަދަ ފޯރަމެއް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ މަސްވެރިކަމުގައި ދިމާވަމުންދާ ގޮންޖެހުންތަކާއި، ހުރި ކަންބޮޑުވުތަކާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، އެކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް މަސައްކަތް ކޮށްދެއްވުން ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.

މިއަދުގެ ފޯރަމްގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާ މަސްވެރިންނާއި، މި ސިނާޢަތުގައި ހަރަކާތްތެރިވާ މަސްކުންފުނިތަކުގެ އިސް ބޭފުޅުނާއި ސިނާއަތުގެ ފަންނީ މާހިރުންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.