އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުން މަގާމުން ވަކި ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފި އެވެ.

މިއީ މި ސަރުކާރު ހަވާލުވުމަށްފަހު އޭސީސީގެ މެމްބަރުން ބަދަލުކުރާ ދެވަނަ ފަހަރެވެ. ކުރީ ދައުރުގައި ތިއްބެވި މެމްބަރުން ވެސް ތަފާތު އެކި ބަހަނާ ދައްކައި ވަނީ މަގާމުން ވަކިކޮށްފަ އެވެ.

މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ ބައްދަލުވުމުގައި ކޮމިޝަނުގެ މެމްބަރުން ވަކިކުރުމަށް ފާސްކޮށްފައި ވަނީ ކޮމެޓީގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.

ކޮމެޓީގެ މުގައްރިރު ރޮޒެއިނާ އާދަމް ވިދާޅުވީ ކޮމިޝަންގެ މެމްބަރުން ވަކިކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކޮމެޓީން ފާސް ކުރުމުން، އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހެޅާނެ ކަމަށެވެ.

އޭސީސީގެ މެމްބަރުން ވަކި ކުރުމަށް ފާސްކޮށްފައި ވަނީ އޭސީސީން މައްސަލަތައް ބެލުމުގައި ލަސްކަމުގެ ފާޑުކިއުންތަކާއެކު ތަކުރާރުކޮށް މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ހާޒިރުކޮށް ޕާފޯމަންސް އޮޑިޓެއް ހެދުމަށް ފަހު އެވެ. ކޮމިޓީން ވަނީ މިއަދު އޮޑިޓާ ޖެނެރަލްއާއެކު ވެސް ބައްދަލުކޮށް އޮޑިޓްގެ މަސައްކަތް ކުރިއަށް ދިޔަގޮތުގެ ތަފުސީލު ދެއްވާފަ އެވެ. ނަމަވެސް މިބައްދަލުވުން ވަނީ ސިއްރުކޮށްފަ އެވެ.

އޭސީސީގެ މިހާރު ތިއްބެވި މެމްބަރުން ވަކި ކުރުމުގެ މަސައްކަތް ކުރިއަށްދާނީ މަޖިލީހުގެ ތަޅުމަށް ކޮންމެ ނަމެއް ވަކިވަކިން ހުށަހެޅުމަށްފަހު، ވަކިކުރަން ފާސްކުރާ ނަންތަން ކޮމިޓީއަށް ފޮނުވުމުން އެބޭފުޅުންގެ ތަހުގީގީ މަރުހަލާ ހިންގައިގެންނެވެ. މަޖިލީހުން ޖަލްސާތައް މިއަހަރަށް ނިންމާލާފައިވުމުން މިމަސައްކަތް ދެން ކުރިއަށް ގެންދެވޭނީ އަންނަ މަޖިލީހުގެ ދައުރު ފެށުމަށްފަހު އެވެ.

އޭސީސީގެ ފަސް މެމްބަރުންގެ ތެރެއިން ކޮމިޝަންގެ މެމްބަރު އަލީ އަޝްރަފް ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. ކޮމިޝަންގައި މިވަގުތު ތިބި މެމްބަރުންނަކީ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ، ނައިބް ރައީސް ފާތުމަތު އަނޫލާ އަދި މެމްބަރު އިބްރާހިމް ޝަކީލްގެ އިތުރުން އައިޝަތު އަބްދުﷲ އެވެ.