މިދިޔަ ނޮވެންބަރު މަހު މީރާއިން އަންދާޒާކުރި ވަރަށް ވުރެ ޖަމާކުރި އާމްދަނީ 51.8 ޕަސެންޓް އިތުރުވެ، 1.24 ބިލިއަން ރުފިޔާ ބަލައިގަނެފައިވާ ކަމަށް ބުނެފި އެވެ.

ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އިން ބުނީ މިދިޔަ މަހު ޖަމާކުރި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ 168.4 ޕަސެންޓްގެ އިތުރު އަދަދެއް ކަމަށެވެ. އަދި، މިދިޔަ ނޮވެންބަރުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށް ވުރެ 51.8 ޕަސެންޓް އިތުރު އަދަދެއް ކަމަށް ވެސް މީރާއިން ބުންޏެވެ.

މީރާއިން ބުނިގޮތުގައި، ނޮވެންބަރު 2020 ގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު މިދިޔަ މަހު ލިބުނު އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ އިންކަމް ޓެކްސް، ޓޫރިޒަމް ލޭންޑް ރެންޓް، ޖީއެސްޓީ، ގްރީން ޓެކްސް އަދި އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ ފައިސާ އިތުރުވުމެވެ. މިގޮތުން، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހާ އަޅާބަލާއިރު، މިދިޔަ އޮކްޓޯބަރު މަހު ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު ހަތް ގުނަ އިތުރުވެފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

މިދިޔަ އަހަރު އާމްދަނީ ދަށްވި ސަބަބަކީ މިދިޔަ އަހަރު ކޮވިޑް-19ގެ ސަބަބުން ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާ މިންވަރު ދަށްވެފައިވުން ކަމަށް މީރާއިން ފާހަގަކުރެ އެވެ. މީގެ އިތުރުން، މިދިޔަ އަހަރުގެ ނޮވެންބަރު މަހު ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި އާމްދަނީ ލިބިފައިވުމަކީ ނޮވެންބަރު 2020 ގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު މިދިޔަ ނޮވެންބަރުގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ ސަބަބު ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ. އ ފީ މިދިޔަ އަހަރުގެ ނޮވެންބަރު މަހު ނުލިބޭ ކަމަށް މީރާއިން ބުންޏެވެ.

މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ އެވެ. އެއީ 62.2 ޕަސެންޓް ނުވަތަ 773.23 މިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކްސްއިންނެވެ. އެއީ 6.5 ޕަސެންޓް ނުވަތަ 80.99 މިލިއަން ރުފިޔާ އެވެ. މީގެ އިތުރުން، ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި 76.60 މިލިއަން ރުފިޔާ (6.2 ޕަސެންޓް)، ގްރީން ޓެކްސްގެ ގޮތުގައި 75.40 މިލިއަން ރުފިޔާ (6.1 ޕަސެންޓް)، އެއާޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 45.28 މިލިއަން ރުފިޔާ (3.6 ޕަސެންޓް) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 191.94 މިލިއަން ރުފިޔާ (15.4 ޕަސެންޓް) ލިބިފައިވެ އެވެ.

މިދިޔަ ނޮވެންބަރުގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 51.31 މިލިއަން ޑޮލަރު ވެސް ހިމެނޭ ކަމަށް މީރާއިން ބުންޏެވެ.