ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ތަރައްގީ ކޮށްފައިވާ ހިޔާ ފްލެޓްތައް އެމަނިކުފާނުގެ ވެރިކަމުގައި ނިންމާފައިވާ އަގުތަކަށް ނުދެވޭނެ ސަބަބެއް ނެތް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި "ކޮތަރު ކޮށި" ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ ހިޔާ ފްލެޓްތައް ކުރިން ކަނޑައަޅާފައިވާ އަގަށް ނުދެވެންވީ ސަބަބެއް ނެތް ކަމަށެވެ.

"ފުލެޓުތަކުގެ އަގު ހުންނަންވާނީ 8500 ރުފިޔާއަކަށް ކަމެއް އަޅުގަނޑު ގަބޫލެއް ނުކުރަން. ހަމަ ކުރީގަ ނިންމާފަ ހުރި އަގުތަކަށް މިކަން ކުރެވެންވާނެ. މި އުޅެނީކީ ދުނިޔޭގެ އިންޓްރެސްޓިން ރޭޓް ބޮޑުވެގެންނެއް ނޫން. ބޮޑުވަންޏާ ބޮޑުވީ ދިވެހިރާއްޖޭގެ ފައިސާގެ އަގުދަށްވެގެން އައި ބަދަލެއް މިއައީ. ފައިސާގެ އަގު ދަށްވެގެން ދިޔައީ ކީއްވެގެންތޯ. އެއީ ނޫޓު ކަރުދާހުން ފައިސާ ޗާޕްކުރީމައޭ އަގުދަށްވެގެން މި އުޅެނީ. ފައިސާ ވެސް ރަނގަޅު ގޮތުގަ ބޭނުން ކުރާނަމަ ފައިސާގެ އަގުދަށެއް ނުވާނެ،" ރައީސް ޔާމިން ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ހިޔާ ފްލެޓްގެ ކުލީގެ ގޮތުގައި އޭރު ކަނޑައަޅާފައިވަނީ 5،600 ރުފިޔާ އެވެ. އެހެން ނަމަވެސް ރައީސް ސޯލިހުގެ ސަރުކާރުން ވަނީ ހިޔާ ފްލެޓް ކުލި ގޮތުގައި 8،500 ރުފިޔާ ކަނޑައަޅާފަ އެވެ.

މިޖަލްސާގައި އިތުރަށް ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވަނީ މިސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތައް ނުފުއްދާ ކަމަށް ވިދާޅުވެފަ އެވެ. އަދި މިއަދު ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި އައިސް ޕްލާންޓް ސަރުކާރުން ހުޅުވުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވާ ރައީސް ޔާމީން ވިދާޅުވީ މިސަރުކާރަށް ހުޅުވުނީ ދެ އައިސް ޕްލާންޓް ކަމަށެވެ.

އެމަނިކުފާނުގެ ވެރިކަމުގައި މަސައްކަތް ފަށާފައިވާ އައިސް ޕްލާންޓްތައް ހުޅުވިއަސް މިސަރުކާރުން އައިސް ޕްލާންޓް ހުޅުވި ކަމަށް ނުވާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ އިދިކޮޅުން ބާއްވާ ޖަލްސާތައް ސަރުކާރަށް ހަޖަމު ނުކުރެވޭ ކަމަށާއި އެގޮތުން މި ސަރުކާރުގެ ބޭފުޅުންގެ ހަޖަމުގެ މައްސަލަ އަށް ހައްލެއް ގެނެވޭނެ ގޮތްތައް ބައްލަވާފައިވާ ކަމަށެވެ.

އެގޮތުން ހަކީމީ ބޭހުގެ އިސް ބޭފުޅުންނާއި އިއްޔެ އާއި މިއަދުގެ ހަތަރުދަމު އެކަމުގައި ވާހަކަދެއްކި ކަމަށާއި ގައުމުގެ އެއް ބައެއްގެ ހަޖަމުގެ މައްސަލަ އުޅޭނަމަ އޭގެ އުނދަގޫ އިދިކޮޅު ފަރާތްތަކަށް ވެސް ކުރާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

"އެ ބޭފުޅުންގެ ތެރެއިން ހަމަ ހުރިހާ ބޭފުޅުން ވެސް ވިދާޅުވީ ޔާމީނޭ ހަޖަމަށް އެންމެ ރަނގަޅު ގޮތަކީ މިއޭ. ބުނާށޭ، ދިވެހި އޮޑިހަނެއްގައި ފިފިފެންމަލުގެ ފިޔަތަކާއެކީ އަސުރުމާ އޮށް ގިރައިގެން ބުއީމަ މި ހަޖަމުގެ މައްސަލަ ހަމަޖެހިގެން ހިނގައިދާނެއޭ،" ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ ރާއްޖެ އަޅުވެތި ކަމަށް ގެންދަން މަސައްކަތް ފެށީ 2018 ވަނަ އަހަރު ކަމަށެވެ. އެގޮތުން އެ އަހަރުގެ ރިޔާސީ އިންތިހާބުން އެމަނިކުފާނު ބަލިނުކުރެވޭނެކަން ޔަގީންވި ހިސާބުން ހުރިހާ ޗަރުކޭހެއް ކުޅެން ފެށި ކަމަށާއި މީގެ ހަގީގަތަކީ އެއީ ކަމަށް ޔާމީން ވިދާޅުވި އެވެ.