ޖެންޑަ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީގެ ފިރިކަލުން އިބްރާހިމް ޒާހިރު (ޔަންމާ ޒާހިރު) މިއަދު އަވަހާރަވެއްޖެ އެވެ.

ޒާހިރު މިއަދު އަވަހާރަވީ އިންޑިއާގެ ކޮޗިންގައި ހުންނަ ރަޖާގިރި ހޮސްޕިޓަލުގައި ފުއްޕާމޭގެ އާލާސްކަންފުޅަކާ ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ޒާހިރު ފުއްޕާމޭގެ އާލާސްކަންފުޅަކާ ފަރުވާ ހޯއްދަމުން ގެންދަވަނިކޮށް ކޮވިޑް ޖެހިވަޑައިގެން ފަރުވާ ހޯއްދަމުން އަންނަތާ 14 ވަރަކަށް ދުވަސް ވެފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެ އެވެ.

ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ވިލާ ކުންފުނީގައި ވަޒީފާ އަދާކުރައްވާތާ 40 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ޒާހިރު އަވަހާރަވިއިރު އޭނާގެ އަނބިނބަލުން އައިޝާ ވެސް ހުންނެވީ އިންޑިއާގަ އެވެ.

މިނިސްޓަރު އާއިޝާއާއި އިބްރާހީމް ޒާހިރުގެ ކައިވެންޏަށް ވަނީ 37 އަހަރުވެފަ އެވެ. އަދި ދެ ކުދިން ވަނީ ލިބިވަޑައިގެންފަ އެވެ.

އޭގެތެރެއިން އުރީދޫގެ އެސިސްޓެންޓް މެނޭޖަރު، ޕަބްލިކް ރިލޭޝަންސް ނޫރާ ޒާހިރުއަކީ އެދެ ބޭފުޅުންގެ ދަރިކަނބަލެކެވެ.

ޒާހިރަކީ، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޒުހައިރުގެ ބޭބޭފުޅެވެ.