ދެކުނު އެފްރިކާއިން ކޮވިޑް19ގެ އާ ވޭރިންޓް ކަމަށްވާ އޮމިކްރޯންގެ އިތުރު ހަތަރު ކޭސް ފެނިފައިވާ ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ބުނެފި އެވެ.
ނޫސްވެރިންނާ ވާހަކަދައްކަވަމުން އެޗްޕީއޭގެ އެޕިޑިމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ އެ ހަތަރު ކޭސް ވެސް ފެނިފައި ވަނީ ރާއްޖެއަށް އައި ފަތުރުވެރިންގެ ގައިން ކަމަށެވެ. އަދި މިހާރު އެ ހަތަރު ކޭސްގެ ރިސްކު އެސެސްމަންޓް ހަދަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އަފްޒަލް ވިދާޅުވީ އޮމިކްރޮން ވޭރިއަންޓަށް ވަކި ހާއްސަ ފިޔަވަޅެއް ނެތް ކަމަށެވެ. އަދި މިހާރު އަޅާފައިވާ ފިޔަވަޅުތައް ތަންފީޒުކުރުން ކުރިޔަށް ގެންދިއުމަށް އޭނާ ވިދާޅުވި އެވެ.
އަފްޒަލް ވިދާޅުވީ ރާއްޖޭގައި ކޭސްތައް ކުއްލިއަކަށް އިތުރުވަމުންދާ ސަރަޙައްދުތަކުން ސާމްޕަލްތައް ބޭރަށް ފޮނުވާ ޖީން ސީކުއެންސް ޓެސްޓުތައް ހަދަމުން އަންނަ ކަމަށެވެ. އަދި މިވަގުތު ރާއްޖޭގެ އެތެރޭގައި މިވޭރިއެންޓް އުޅޭކަން ދެނެގަނެވޭނީ އެންމެ ފަހުން ފޮނުވާފައިވާ މި ސަމްޕަލްތަކުގެ ނަތީޖާއާއެކު ކަމަށް އޭނާ ވިދާޅުވި އެވެ.
"ރާއްޖޭގައި އޮމިކްރޯން އުޅޭތޯ ބެލުމަށް ޖީން ސީކުއެންސް ހަދަމުން މިދަނީ. މިހާތަނަށް ފެނިފައިވާ ފަސް ކޭސްއަކީ ވެސް ރާއްޖެއިން ބޭރުން އިމްޕޯޓްވެފައިވާ ފަސް ކޭސް،" އަފްޒަލް ވިދާޅުވި އެވެ.
ކޮވިޑް-19 ގެ އާ ވޭރިއަންޓާ ގުޅިގެން އެޗްޕީއޭ އިން ވަނީ ހަތް ގައުމަކުން ފަތުރުވެރިން ރާއްޖެއަށް އެތެރެވުން މަނާކޮށްފަ އެވެ. އަދި އެ ގައުމުތަކުގައި ތިބެފައި ނޫނީ ޓްރާންސިޓްވެފައި އަންނަ ދިވެހިންނާއި ވޯކް ވިސާ ހޯލްޑަރުން ރާއްޖެ އައުމަށްފަހު 14 ދުވަސް ވަންދެން ކަރަންޓީންވާން ޖެހޭނެ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.
ރާއްޖެއިން އެންމެ ފުރަތަމަ އޮމިކްރޮން ވޭރިއަންޓު ހުރި މީހަކު ފެނުނީ ނޮވެމްބަރު މަހު 27 ވަނަ ދުވަހު ރާއްޖެ އައި ޓޫރިސްޓެއްގެ ގައިންނެވެ. މިހާތަނަށް ފެނުނު ކޭސްތަކަކީ ވެސް ސައުތު އެފްރިކާ އަށް ދަތުރުކޮށްފައި އައި މީހުންގެ ގައިން ފެނުނު ކޭސްތަކެކެވެ.
ރާއްޖޭގެ 21 ރަށެއް މިވަގުތު ވެސް މޮނީޓަރިންގެ ޙާލަތުގައި އޮތް އިރު މި ރަށްރަށުން 749 އެކްޓިވް ކޭސް މިވަގުތު އޮތްކަން ޑރ.އަފްޒަލް ފާހަގަކުރެއްވި އެވެ. އަދި ބައެއް ސަރަޙައްދުތަކުގެ ކޭސްތައް މަދުނުވެ އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ސ. ހިތަދޫއާއި ނ. މާފަރާއި، ބ. އޭދަފުށީގެ އިތުރުން ތ. ވިލިފުށީގެ ހާލަތު ގޯސް ކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ.
އޭނާ ވަނީ ކުރިއަށް އޮތް ސްކޫލް ޗުއްޓީއާއި ދިމާކޮށް ދަތުރުކުރުމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުވުމަށް އިލްތިމާސްކުރައްވާފަ އެވެ.